ހުޅުމާލޭގެ މޫދު ސަރަހައްދުން ނުރައްކާތެރި ޖެލީފިޝް ތަކެއް ފެންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނީ ހުޅުމާލޭ ބީޗު ސަރަހައްދުން "ބްލޫ ބަޓަން ޖެލީފިޝް" އަދި "ބްލޫ ބޮޓަލް ޖެލީފިޝް" ފެނިފައިވާތީ އާންމުން އެ ސަރަހައްދަށް ގޮސް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް އެދޭކަމަށެވެ.

ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެލާޖީގެ މައްސަލަ ހުންނަ މީހުން މިކަމަށް ސަމާލުވާން ޖެހޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑު ދޮށުގައި ރެދަންލާތީ އެތައް ބަޔަކު ވަނީ ހުޅުމާލޭ ބީޗަށް ގޮސްފައެވެ. އަދި ސޯޝަލް މީޑިއާގައި އަންނަނީ ރެދަނުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ.

މިއީ ގިނަ ބަޔަކަށް އާ ކަމަކަށްވި ނަމަވެސް، އެ މަންޒަރު ފެނުނު ބައެއް މީހުން ބުނާގޮތުން ހުޅުމާލޭގައި މީގެ ކުރިން ވެސް ރެދަންލައެވެ.

ރެދަން ލަނީ ބަޔޯލުމިނިސެންޓް ޕްލޭންކްޓަންގެ ސަބަބުންނެވެ. އެ ޕްލޭންކްޓަން ދިއްލެނީ އެެހެން އެއްޗެއްގައި ޖެހުމުންނެވެ.