ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނު ހިއްސާ ކުރާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އދގެ ވެހިކަލަށް އިންޑިއާގެ އަސްކަރީ ސިފައިން ހަމަލާ ދިން ކަމަށް ބުނެ ޕާކިސްތާނުން ފަތުރަމުން ދާ އަޑުތަކަށް އިންޑިއާއިން ރައްދު ދީފިއެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރި ކަމަށް ވާކާލާތު ކުރަމުން އަންނަ ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިން ދަތުރު ކުރަމުން ދިޔަ އދގެ ވެހިކަލަށް އަމާޒުކޮށް އިންޑިއާގެ އަސްކަރިއްޔާއިން ހަމަލާ ދިން ކަމަށް ބުނެ، ޕާކިސްތާނުން ދައްކަމުން ދަނީ އެއްވެސް އަގެއް، އަދި އަސާސެއްވެސް ނެތް، ދޮގު ވާހަކަތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގެ މަސްދަރުތަކަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އދގެ އުޅަނދަށް އަމާޒުކޮށް އިންޑިއާއިން ހަމަލާ ދިން ކަމަށް ބުނެ ޕާކިސްތާނުން ފަތުރަނީ ހަގީގަތުން އެއްކިބާ ވެފައިވާ އަޑުތަކެކެވެ. އދގެ ވެހިކަލްތަކަކީ ދުރާލާ އެންގުމަށް ފަހު ދަތުރު ކުރާ އުޅަނދުތަކަކަށް ވާއިރު، މިފަދަ ހަމަލާއެއް ދީފާނެ ކަމަށް ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށްވެސް ހާރިޖިއްޔާގެ މަސްދަރުތަކާ ހަވާލާދީ އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ދިން ހަމަލާއެއްގެ ޝިކާރައަކަށް ވީ ބަޔަކާ ބައްދަލު ކުރުމަށް އޮބްޒާވަރުން ގޮވައިގެން ދަތުރު ކުރަމުންދިޔަ އދގެ ވެހިކަލަށް އިންޑިއާގެ އަސްކަރިއްޔާއިން ހަމަލާ ދިނީއެވެ.

ކަން މިހެން އޮތް އިރު، ޕާކިސްތާނުގެ އަސްކަރިއްޔާއިން ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފައި ވާ ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ.