ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތުގައި ކަމަށް ކުރީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޖަމީލް ވަނީ ގިނަ ސުވާލުތަކެއް ސަރުކާރަށް އަމާޒުކޮށް ކުރައްވާފައެވެ. އެ ގޮތުން މި ސަރުކާރަށް 2 އަހަރުވީ އިރު، އެމްއެމްޕީއާރްސީ ފައިސާ ހޯދަން ކުރެވުނީ ކޮންކަމެއްތޯ އާއި އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން (އަދީބާއި ޒިޔަތު) ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައި ތޯ އޭނާ އެއްސެވިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް ކަމަށާއި އެ މައްސަލައިގައި ޕީޖީ ދައުވާ ކުރާ ގޮތުން ވަކި ބަޔަކަށް އަމާޒު ކުރާ ތަން ފެނިވަޑައިގަންނަވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ރާއްޖެއިން ފުރުން، ނިހާނަށް މަނާކޮށްފައިވާ ކަަމަށް އިއްޔެ ފުލުހުން ބުނެފައިވާ އިރު، މީގެކުރިން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ކަންކަމުގެ ތަހުގީގަށް ނިހާން އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

ނިހާނުގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެ ކޮމިޝަނަށް ހާޒިރު ކުރިއެވެ. އަދި އަދީބު މިހާރު ހުންނެވީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައްސަލަތަކެއްގައި 20 އަހަރުގެ ޖަލު ހުކުމެއްގައެވެ. ނަމަވެސް އޭނާ ހުންނެވީ ގޭ ބަންދުގައި ކަމުން މިކަމާ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ މި ސަރުކާރަށް އަމާޒު ވަމުންނެވެ. ހަމައެއާއެކު މި މައްސަލައިގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ދެ ބޭފުޅުންވެސް މިހާރު ހުންނެވީ ޖަލުގައެވެ.

ޑރ. ޖަމީލަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޖަމީލުގެ ފާޑު ވިދާޅުވުންތައް ޕީޖީއަށް އަމާޒުވެފައި އޮތް އިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަައިގައި ޔާމީންގެ ވަކީލުންގެ ޓީމުން އަންނަނީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެންމެ ފަހުން ބޭއްވި ޔާމީންގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ދިފާއުގެ ވަކީލުން ހޯއްދެވުމަށް އެދިވަޑައިގެން ނުލިބި ހުރި ލިޔެކިޔުންތަކެއް ހޯދުމަށާއި ރައީސް ޔާމީނާއެކު ވަކީލުންނަށް ދިރާސާ ކުރަން ގިނަ ވަގުތު ބޭނުން ވާނެތީ އެ އިންތިޒާމުތައް ޕީޖީ އޮފީސް މެދުވެރިވެގެން ހަމަޖައްސައި ދިނުމަށް އަންގަވާފައެވެ. މިހާރު ޔާމީނާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސާފައި އޮތް ނަމަވެސް ބައްދަލު ކުރާ ކޮންމެ ފަހަރަކު ޕީސީއާރް ޓެސްޓެއް ހެދުމަށް އަނގާފައި ވާތީ ހޯމް މިނިސްޓްރީއަށް ޔާމީންގެ ވަކީލުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ހޯމް މިނިސްޓްރީން ޔާމީންގެ ޝަރިީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ ކަމަށް ވަކީލުން ވިދާޅުވެއެވެ.