ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން އަވަށްތެރި ސްރީލަންކާއިން މަރުވާ މީހުންގެ ގަބުރު އަންދާ މައްސަލަ ހޫނުވަމުން ދިއުމާއެކު، އެ ގަބުރުތައް ރާއްޖޭގެ ވަޅުލުމުގެ ވާހަކަތަކެއް ދެކެވޭ ކަމަށް ލަންކާގެ ދުވަހު ނޫހަކުން ރިޕޯޓް ކޮށްފިއެވެ.

ލަންކާ ސަރުކާރުގެ އޮފިޝަލުންތަކަކާ ހަވާލާދީ ޑެއިލީ މިރާ ލަންކާގައި ރިޕޯޓް ކޮށްފައި ވަނީ، ލަންކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ގަބުރު ރާއްޖެ ގެނެސް، ރާއްޖޭގެ ރަށެއްގައި ވަޅުލުމުގެ މަޝްވަރާތަކެއްގެ ވާހަކައެވެ. ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައި އޮންނަނީ ވަކިވަކި ރައްތަކެއްގެ މައްޗަށް ކަމަށް ވެފައި، މިކަމުގައި ލަންކާއާއި ރާއްޖެ ތަފާތުވާ ކަމަށްވެސް ލަންކާގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައިވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ކަންކަމަށް ރަސްމީ ސިފައެއްގައި ނިންމާފައި ނުވާ ކަމަށްވެސް ލަންކާގެ ދުވަހު ނޫހުގައިވެއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވާ މީހުން ވަޅުލުމަށް ހާއްސަ ޝަރުތުތަކެއް ހަމަވާ ބިމެއް ހޯދުމަށް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވީ ހުސްވި ހަފުތާގެ ތެރޭގައެވެ.

އެގޮތުން އިންތިހާއަށް ހަނަފަސް އަދި ފެންފަށަލަ އިންތިހާއަށް ފުނުގައި އޮންނަ ބިމުގެ ސަރަހައްދެއް ހޯދުމަށާ، ބިން ހޯދުމުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދު ހޯދުމަށްވެސް ރާޖަޕަކްސަ ވަނީ އަންގަވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ދިފާއުކުރައްވަން ނިކުމެ ހުންނެވި މަހިންދަ ރާޖަަޕަކްސަ (ކ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: ޓްވިޓާ

ރާޖަޕަކްސަ މިފަދަ އިރުޝާދެއް ދެއްވާފައި ވަނީ، ކޮވިޑް-19ގައި ލަންކާއިން މަރުވާ މީހުންގެ ހަށިގަނޑާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮޑުވަޒީރު ރަސްމީ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.

ސްރީލަންކާގެ ސިއްހީ ތަޖުރިބާކާރުން ބޮޑުވަޒީރަށް ވިދާޅުވީ، ކޮވިޑް-19ގައި މަރުވާ ޕޭޝަންޓުންގެ ހަށިގަނޑުގައި 36 ދުވަހަށް ވައިރަހުގެ އަސަރު ހުންނާނެ ކަމަށެވެ. މިފަދަ ރޫހެއްގައި ބޮޑުވަޒީރަށް މައުލޫމާތު އަރުވާފައި ވާ އިރު، ރާޖަޕަކްސަ ވަނީ، ދީނީ ގަބޫލުކުރުންތަކެއްގެ ސަބަބުން، އަނެކާގެ ސިއްހަތު، ނުރައްކަލަށް ހުށަނޭޅެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަނީ އަންދާލައިގެންނެވެ. ނަމަވެސް މިއީ މުސްލިމުންގެ އަގީދާއާ ހިލާފު ކަމެއް ކަމުން، މިކަމުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ކަން މިހެން އޮތް އިރު، ބޮޑުވަޒީރު ވަނީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މުސްލިމު މެމްބަރުންގެ އެއްބާރުލެއްވުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ ކޮވިޑް ގަބުރު ރާއްޖެ ގެންނަ ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކާ ގުޅިގެން ދަ ޕްރެސް އިން މިދަނީ ދިވެހި ހާރިޖިއްޔާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ލަންކާގެ މީޑިއާގައި ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އަދާރާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.