ހުސްވި ހަފުތާ ބަންދުގައި ނިންމާލި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުމުގައި، "ސާފު އަގުލަބިއްޔަތުން" ފާސްކުރި ގަރާރުގައި، އިންޑިއާއަށް އަމާޒު ކުރި ފާޑުކިއުންތަކާ ގުޅިގެން، ޒަމާންވީ އަދުއްވުންގެ ގޮތުގައި އޮތް ޕާކިސްތާނާއި އިންޑިއާއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކޮށްފިއެވެ.

އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރި ކަމަށް އިންޑިއާއާއި ޕާކިސްތާނުންވެސް ތަޅާފޮޅަމުން އަންނަ ކަޝްމީރުގެ އިންޑިއާއަށް ވީ ފަޅިއަށް ލިބިދީފައި އޮތް އިސްތިގުލާލީ މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް 2019 ވަނަ އަހަރުގެ އޯގަސްޓް މަހު އިންޑިއާގެ މައި ސަރުކާރުން ނިންމި ނިންމުމަށް، އޯއައިސީގެ ގަރާރުގައި ފާޑުކިއުން އަމާޒު ކުރުންވީ، އިންޑިއާއަށް ހަޖަމް ކުރަން ދަތި ކަމަކަށެވެ.

ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއިވީ ފަޅީގައި އޮންނަ އެންމެ ބޮޑު ސިޓީކަމަށްވާ ސްރީނަގަރުގައި އިންޑިއާގެ އޮފިޝަލުން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

އޯއައިސީ ގަރާރުގެ ކޮޕީއަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އިންޑިއާ ސަރުކާރުގެ ނިންމުމާ އޯއައިސީއިން ދެކޮޅެވެ. އަދި މިނިންމުން އަނބުރާ ގެންދިއުމަށްވެސް ވަނީ ގޮވާލާފައެވެ.

ގާތްގަނޑަކަށް 12 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ކަޝްމީރު ސަރަހައްދުގައި، އިންޑިއާގެ މައި ސަރުކާރުން މިހާރު ވަނީ، ބައި މިލިއަނެއްހާ ސިފައިން ރުކުރުވާލާފައެވެ. މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަސްކަރީ ޒޯންތަކުގެ ތެރޭގައި ގުނާލެވޭ ސަރަހައްދެކެވެ. އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ކަޝްމީރުގައި އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ، ހަތިޔާރުއެޅި ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމަށެވެ.

ސެންޓްރަލް ޔުނިވަސިޓީ ކަޝްމީރުގެ ލޯ ޕްރެފެސަރު އަދި ސިޔާސީ ކޮމެންޓޭޓަރު، ޝެއިހް ޝައުކަތު ވިދާޅުވީ، މީޑިއާއިން ކޮންމެ ގޮތަކަށް އަޑު ފެތުރި ކަމުގައި ވީ ނަމަވެސް، ކަޝްމީރުގެ މައްސަލާގައި އޯއައިސީގެ ރޫހަށް ބަދަލެއް ނާންނަކަން، މި ބަޔާނުން އަންގައިދޭ ކަމަށެވެ. އިންޑިއާއިން ގުޅުން ބަދަހި ކޮށްފައި ވާ ސައުދީއާއި އެކުވެރި އަރަބި އިމާރާތް ފިޔަވާ، އޯއައިސީގެ ގިނަ ގައުމުތަކުގެ ރައުޔަކީވެސް މިއީ ކަމަށް އޭނާ ވިދާޅުވެއެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ސްރީނަގަރު ސިޓީގެ ބާޒާރުމަތީގައި އިންޑިއާގެ އަސްކަރިއްޔާއިން ފޯރިމަރަނީ/ފޮޓޯ: އޭޕީ

ކަޝްމީރުގެ މައްސަލައާ ގުޅިގެން ފާސްކޮށްފައިވާ ގަރާރުތަކަކީ ހަގީގަތުން އެއްކިބާވެފައިވާ ގަރާރުތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ. ކަޝްމީރުގެ މައްސަލާގައި އިންޑިއާއިން ފާސްކުރި ގަރާރުތަކަކީ އެކަމުގައި ހެވެއް އޮތް ކަމެއް ނޫން ކަމަށާ، މި ގަރާރުތަކަކީ އެއްވެސް ހާލެއްގައި ސާބިތު ހިފޭ، ސައްހަ ގަރާރުތަކެއް ނޫން ކަމަށްވެސް އިންޑިއާއިން ވަނީ ތުހުމަތު ކޮށްފައެވެ. އިންޑިއާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޕާކިސްތާނުން ދަނީ އޯއައިސީގެ "ބޭނުން ހިފަމުން" ކަމަށާ، މިއީ ހިތާމަކުރާ ކަމެއް ކަމަށްވެސް އިންޑިއާއިން ސިފަކުރެއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ، ނިއާމޭގައި ކުރިއަށްދިޔަ އޯއައިސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުމުގައި އިންޑިއާއަށް ރިއާޔަތް ކޮށްގެން ފާސްކޮށްފައި ވަނީ ހަގީގަތުން އެއްކިބާވެފައިވާ ގަރާރުތަކެއް ކަމަށެވެ.

އޯއައިސީއަކީ އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ، ގޮތް ކިއުމުގެ ފުރުސަތު އޮތް ބައެއް ނޫންކަމަށް އިންޑިއާއިން ގެންގުޅޭ ރޫހު ދަމަހައްޓާ ކަމަށާ، ޖައްމުއާއި ކަޝްމީރުގެ ޔޫނިއަން ޓެރިޓަރީއަކީ އިންޑިއާގެ މިލްކިއްޔާތުން ވަކި ކުރެވޭނެ ބައެއް ނޫން ކަމަށްވެސް އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

ޖައްމުއާއި ކަޝްމީރު ސްޓޭޓަށް ބާރު ލިބިދޭ މާއްދާ 370 އުވާލުމަށް އިންޑިއާ ސަރުކާރުން ނިންމުމުން ޕާކިސްތާނުގައި މުޒާހަރާ ކުރަނީ/ފޮޓޯ: އަޚުތަރު ސޫމްރޫ

އިންޑިއާގެ ވާހަކަތަކާއެކު ޕާކިސްތާނުންވެސް ހިމޭނަކުން ނޯވެއެވެ. ޕާކިސްތާނުގެ ހާރިޖިއްޔާއިން ވަނީ އިންޑިއާއަށް ބަހުގެ ހަމަލާ އަމާޒު ކޮށްފައެވެ. އެގޮތުން، ބައިނަލްއަގުވާމީ މުޖުތަމައުގެ ރޫހާ ހިލާފު ނުވެ، ދީފައިވާ ލަފައާ އެއްގޮތަށް، ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި އިންޑިއާއިން ހިންގަމުން އަންނަ ޓެރަރިޒަމްގެ އަމަލު ހުއްޓުމަކަށް ގެނައުމަށް ޕާކިސްތާނުގެ ހާރިޖިއްޔާއިން ވަނީ ގޮވާލާފައެވެ.

އޯއައިސީގެ ގަރާރަކީ އިންޑިއާގެ ލާއިންސާނީ ޖަރީމާތައް ފޮރުވައިގެން ނުތިބެވޭނެ ކަމުގެ ހެއްކެއް ކަމަށްވެސް ޕާކިސްތާނުން ވަނީ ސިފަކޮށްފައެވެ.

އޯއައިސީގެ ގަރާރު އަދިވެސް ރަސްމީ ސިފައެއްގައި އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ބައިނަލްއަގުވާމީ މީޑިއާއާ ގަރާރު ހިއްސާކުރި މަސްދަރުން ވަނީ، އަވަސް ފުރުސަތެއްގައި މި ގަރާރު އާންމު ކުރާނެ ކަމަށް ބުނެފައި ކަމަށް ހަބަރު ލިބެއެވެ.

ނައިޖާގައި ކުރިއަށް ދިޔަ އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ދިވެހި ހާރިޖީ ވަޒީރު | ޓްވިޓާ

އޯއައިސީގެ ބައްދަލުވުމުގައި ދިވެހި ރާއްޖެ ތަމްސީލު ކުރެއްވީ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. އޯއައިސީގައި ޝާހިދު ކުރެއްވި ތަގުރީރުގައި، މުސްލިމު އުއްމަތަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވަކާލާތު ކުރައްވާފައިވެއެވެ. ފަލަސްތީނާއި ރޯހިންޏާ މުސްލިމުންގެ ވާހަކަ ވަކިން ފާހަގަ ކުރެއްވި ނަމަވެސް، ކަޝްމީރުގެ ވާހަކަ ވަކިން ބަޔާން ކުރައްވާފައެއް ނުވެއެވެ.

އޯއައިސީގެ ބައްދަލުވުމަށް އަމާޒުކޮށް އިންޑިއާއިން އަމާޒު ކުރި ފާޑުކިއުންތަކާ ގުޅިގެން ދިވެހި ހާރިޖިއްޔާގެ ބަހެއް ހޯދުމަށް ދަ ޕްރެސް އިން އަދިވެސް މިދަނީ މަސައްކަތް ކުރަމުންނެވެ.