ހުސްވި ހަފުތާ ބަންދުގައި ނައިޖާގައި ކުރިއަށް ގެންދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކޮންފަރަންސްގައި ކަޝްމީރުގެ މައްސަލައާ ގުޅިގެން ފާސްކޮށްފައިވާ ގަރާރުތަކަކީ ހަގީގަތުން އެއްކިބާވެފައިވާ ގަރާރުތަކެއް ކަމަށް ބުނެ، އިސްލާމީ ގައުމުތަކަށް އިންޑިއާއިން ބަހުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.
ކަޝްމީރުގެ މައްސަލާގައި އިންޑިއާއިން ފާސްކުރި ގަރާރުތަކަކީ އެކަމުގައި ހެވެއް އޮތް ކަމެއް ނޫން ކަމަށާ، މި ގަރާރުތަކަކީ އެއްވެސް ހާލެއްގައި ސާބިތު ހިފޭ، ސައްހަ ގަރާރުތަކެއް ނޫން ކަމަށްވެސް އިންޑިއާއިން ވަނީ ތުހުމަތު ކޮށްފައެވެ. އިންޑިއާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޕާކިސްތާނުން ދަނީ އޯއައިސީގެ "ބޭނުން ހިފަމުން" ކަމަށާ، މިއީ ހިތާމަކުރާ ކަމެއް ކަމަށްވެސް އިންޑިއާއިން ސިފަކުރެއެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ، ނިއާމޭގައި ކުރިއަށްދިޔަ އޯއައިސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުމުގައި އިންޑިއާއަށް ރިއާޔަތް ކޮށްގެން ފާސްކޮށްފައި ވަނީ ހަގީގަތުން އެއްކިބާވެފައިވާ ގަރާރުތަކެއް ކަމަށެވެ.
އޯއައިސީއަކީ އިންޑިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ، ގޮތް ކިއުމުގެ ފުރުސަތު އޮތް ބައެއް ނޫންކަމަށް އިންޑިއާއިން ގެންގުޅޭ ރޫހު ދަމަހައްޓާ ކަމަށާ، ޖައްމުއާއި ކަޝްމީރުގެ ޔޫނިއަން ޓެރިޓަރީއަކީ އިންޑިއާގެ މިލްކިއްޔާތުން ވަކި ކުރެވޭނެ ބައެއް ނޫން ކަމަށްވެސް އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.
އޯއައިސީގެ ބައްދަލުވުމުގައި ދިވެހި ރާއްޖެ ތަމްސީލު ކުރެއްވީ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. އޯއައިސީގައި ޝާހިދު ކުރެއްވި ތަގުރީރުގައި، މުސްލިމު އުއްމަތަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވަކާލާތު ކުރައްވާފައިވެއެވެ. ފަލަސްތީނާއި ރޯހިންޏާ މުސްލިމުންގެ ވާހަކަ ވަކިން ފާހަގަ ކުރެއްވި ނަމަވެސް، ކަޝްމީރުގެ ވާހަކަ ވަކިން ބަޔާން ކުރައްވާފައެއް ނުވެއެވެ.
އޯއައިސީގެ ބައްދަލުވުމަށް އަމާޒުކޮށް އިންޑިއާއިން އަމާޒު ކުރި ފާޑުކިއުންތަކާ ގުޅިގެން ދިވެހި ހާރިޖިއްޔާގެ ބަހެއް ހޯދުމަށް ދަ ޕްރެސް އިން ހާރިޖިއްޔާއަށް ކުރިމަތި ކުރި ސުވާލަށް އަދި އިޖާބައެއް ލިބިފައެއް ނުވެއެވެ.