މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއަށް ވީ ފަޅީގައި ގަތުލުއާންމު ހިންގަމުންދާކަމަށް ވިދާޅުވެ، އެ ކަން ހުއްޓުވާ ދިނުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި އެފްރިކަން ޔޫނިއަން (އެފްރިކާގެ އިއްތިހާދު) ގެ ކިބައިން، ޖައްމުއާއި ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅި (އާޒާދު ކަޝްމީރު) ގެ ލީޑަރު އެދިވަޑައިގެންނެފިއެވެ.

އާޒާދު ކަޝްމީރުގެ ލީޑަރު ސަރުދާރް މައްސޫދު ހާން، މިކަމަށް އެދިވަޑައިގަތީ، އޯއައިސީއާއި އެފްރިކާ އިއްތިހާދުގެ ލީޑަރުންނަށް ދެއްވި ބަޔާނެއްގައެވެ.

ސަރުދާރް މައްސޫދު ހާން އަކީ، ނައިޖާގެ ނިއާމޭގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި، ބައިވެރިވެވަޑައިގަންނަވާ ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީގެ ވަފުދުގައިވެސް ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

ކަޝްމީރުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފޮޓޯ: ޑީއެންއޭ އިންޑިއާ

އެފްރިކާގެ ގިނަ ގައުމުތަކަކީ މިނިވަންކަމަށް މަސައްކަތްކޮށް، އެކަން ކާމިޔާބުކޮށް އދއިން މެމްބަރުކަންވެސް ކަށަވަރުކޮށްފައި ވާ ގައުމުތަކެއް ކަން ފާހަގަ ކުރައްވަމުން، ސަރުދާރް މައްސޫދު ހާން ވިދާޅުވީ، 1947 ވަނަ އަހަރުން ފަށައިގެން ޖައްމުއާއި ކަޝްމީރުންވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ މިނިވަންކަން ހޯދުމަށް ކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ފާއިތުވީ 3 މަސް ދުވަހަށް ބަލާއިރުވެސް، އިންޑިއާއިން 2 މިލިއަނަށް ވުރެ ގިނަ ހިންދޫއިން، ގަވައިދާ ހިލާފަށް ޖައްމުއާއި ކަޝްމީރު ސަރަހައްދަށް ވައްދާފައި ވާކަމަށާއި، އެއީ އެސަރަހައްދުގެ އާބާދީގެ އަސްލަށް ބަދަލު ގެނައުމަށް ކުރާ ކަމެއް ކަމަށް ސަރުދާރް މައްސޫދު ހާން ވިދާޅުވިއެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، މިއީ، ކަޝްމީރުގެ މައްސަލާގައި އދގެ ސަލާމާތީ މަޖިލީހުން އެކުލަވާލާފައިވާ ގަރާރުތަކާ ވެސް ތައާރަޒުވާ ކަމެއް ކަމަށް ސަރުދާރް މައްސޫދު ހާން ވަނީ ވިދާޅުވެފައެވެ.

ކަޝްމީރުގެ އިންޑިއައާއި ވީ ފަޅީގައި އޮންނަ އަންޗާރު ޑިސްޓްރިކްޓް/ފޮޓޯ: ޝުއައިބު ބަޝީރު

މީޑިއާއާއި ވާހަކަދައްކަވަމުން ސަރުދާރް މައްސޫދު ހާން ވަނީ، ޖައްމުއާއި ކަޝްމީރުގެ މައްސަލައަށް ހާއައްސަކޮށްގެން އޯއައިސީގެ ކޮންޓެކްޓް ގުރޫޕެއް އުފެއްދުމުގައި ނައިޖާއިން އަދާކުރި ދައުރު ފާހަގަ ކުރައްވާ، އެ ގައުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އޯއައިސީއާއި އެފްރިކާގެ އިއްތިހާދުގައި ނައިޖާއަށް އޮތް ނުފޫޒުގެ ބޭނުން ކޮށްގެން ޖައްމުއާއި ކަޝްމީރުގެ ރައްޔިތުންގެ ހައްގު ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުވެސް މި ވަގުތު ހުންނެވީ ނައިޖާގައެވެ.