ނޮވެމްބަރު 26، 2008 ވަނަ ދުވަހު، އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް – މުމްބާއީ ސިޓީއަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ތިބި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުން އިންކާރު ކުރުމަކީ، ޕާކިސްތާނުގެ އިހުލާސްތެރިކަމެއް ނެތް ކަން އަންގައިދޭ ކަމެއް ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)ގެ ކުރީގެ އޮފިޝަލު މައިކަލް ރޫބިން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ 6 މީހަކު ހިމެނޭ ގޮތަށް 160 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި ދިޔަ އެ ހާދިސާގެ މޭސްތިރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުން އިންކާރު ކުރުމަކީ، ޕާކިސްތާނުގެ ފަސްގަނޑުން ޓެރަރިޒަމް ފޮހުލުމުގައި އެ ގައުމުގައި އިހުލާސްތެރި ނިޔަތެއް ނެތް ކަން ހާމަކޮށްދޭ ކަމެއް ކަމަށް ރޫބިން ވިދާޅުވިއެވެ.
ވޮޝިންގްޓަން އެގްޒެމިނާއަށް ލިޔުއްވި ކޮލަމެއްގައި ރޫބިން ވިދާޅުވީ، ޕާކިސްތާނުން "ސްޕޮންސާ" ކުރި ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށް، އެކި ގައުމުތަކުގެ ރައްޔިތުން ވެފައި ވާ ކަމަށެވެ. މި ހަމަލާގައި އެމެރިކާއާއި އިންޑިއާގެ ރައްޔިތުންގެ އިތުރުން، އޮސްޓްރޭލިއާ، ކެނެޑާ، ފަރަންސޭސިވިލާތް، އިޓަލީވިލާތް، އިނގިރޭސިވިލާތް، ޖަޕާން، ނެދަލަންޑަސް، އުރުދުން، މެލޭޝިއާ، ސިންގަޕޫރު، މެކްސިކޯ އަދި މޮރިޝަސްގެ ރައްޔިތުން ވި ކަންވެސް ރޫބިން ވަނީ ފާހަގަ ކުރައްވާފައެވެ.
ރޫބިން ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުގައި އޮތް ކަމަށް ބުނާ ރޫހާ މެދު އެ ގައުމުން ސީރިއަސް ނަޒަރަކުން ދެކޭ ކަމުގައި ވަނީ ނަމަ، މުމްބާއީ ހަމަލާގެ ދިފާއުގައި ދައްކާނެ އެއްވެސް ހުއްޖަތެއް ޕާކިސްތާނަށް ނޯންނާނެ ކަމަށެވެ.
ނޮވެމްބަރު 26، 2008 އިން ފެށިގެން 4 ދުވަހަށް ދިގުލާ ދެމިގެންދިޔަ ޓެރަރިސްޓް ހަމަލާތަކުގައި 166 މީހުންގެ ފުރާނަ ގެއްލި، 300 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. 9 ޓެރަރިސްޓަކު މަރާވެސްލިއެވެ. ސަލާމަތްވީ ހަމައެކަނި މީހަކީ އަޖްމަލް އަމީރު ކަސާބްއެވެ. އޭނާ ހައްޔަރުކޮށް، ޕޫނާގެ ޔިރުވާދާ ސެންޓްރަލް ޖަލުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2012 ވަނަ އަހަރުއެވެ. ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، އެ ޖަލުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުވެސް ކުރިއެވެ.
މި ހާދިސާގައި ޕާކިސްތާނުގެ އަތެއް ވާކަށް ކުރާ ތުހުމަތަށް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން އަދިވެސް އިންކާރު ކުރެއެވެ. ޕާކިސްތާނުގެ އެންޓި-ޓެރަރިޒަމް ކޯޓުން ދަނީ މިމައްސަލަ ބަލަމުންނެވެ. 10 އަހަރަށް ވުރެ ގިނަ ދުވަސްވީއިރުވެސް މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ޕާކިސްތާނުގެ އޮފިޝަލުން ގެންދަވަނީ، ޕާކިސްތާނާ ދެކޮޅަށް ލިބިފައިވާ ހެކިތަކާ ހުއްޖަތުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަވަމުންނެވެ.