އެމްއެންޑީއެފް ކޯސްޓް ގާޑުން "ސީޖީ ޓްރޭނިން ޑޭ"ގެ ނަމުގައި އޮއިލް ސްޕިލް ތަމްރީނެއް ބާއްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހުޅުމާލޭގައި ކުރިއަށްގެންދިޔަ ތަމްރީނުގައި ކަނޑަށް އެޅޭ ތެޔޮ ނަގާނެ ގޮތް ފަރިތަކޮށްފައިވާ ކަމަށެވެ.

އެތަމްރީނުގައި އެމްއެންޑީއެފް ކޯސްޓް ގާޑުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިމަހު 18 ގައި ހުޅުމާލެ ފޭސް-2 ގައި "ސްމޯލް ޓީމް އެކްސަސައިޒް 2020" ގެ ނަމުގައި ވެސް އެމްއެންޑީއެފުން ވަނީ ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ.

އެ ތަމްރީނުތަކުގައި ސިފައިން ވަނީ ހަތިޔާރާއެކު ހަރަކާތްތެރިވެފައެވެ. އަދި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ވެސް ވަނީ ބޭނުންކޮށްފައެވެ.

މިދިޔަ މަހު ތެރޭ ވެސް ގިނަ ތަމްރީރުތަކެއް އެމްއެންޑީއެފުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ދަނީ ދޭތެރެ ދޭތެރެއިން ހަތިޔާރާއެކު ވެސް އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. އަދި މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ކުރިއަށް ގެންދާ ތަމްރީނު ތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު