ހުޅުމާލޭގައި މިރޭ ވެސް ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ފާއިތުވި ދެ ރޭ ވެސް ހުޅުމާލޭގައި ވަނީ ހަވާއަރުވާފައެވެ. ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލް ދިމާ ބޭރުން ހަވާ އަރުވާފައި ވަނީ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ހުޅުވުމުގެ ރަސްމިއްޔާތާއެކުއެވެ.
އޭގެފަހުން ރޭ ހަވާ އަރުވާފައިވަނީ ފަރުކޮޅުފުށީގައި ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ މިރޭ ވެސް ހުޅުމާލޭގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ހަވާ އެރުވުމަށް އެމްއެންޑީއެފް އިން ތައްޔާރުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ 21:45 ގައި 3 މިނެޓެއްހާއިރު ކަމަށް ވެއެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި މިރޭ ހަވާ އަރުވަނީ ލިވަޕޫލްއިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީ ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުންނެވެ. މިއީ އެ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ކުރާ ކަމެއް ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ. ހަވާގެ އިތުރުން ލައިވް ބޮޑުބެރާއެކު މިރޭ 19:45 ގައި ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ފޯރިގަދަ ހަރަކާތްތަކާއެކު ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރާ މެޗް ހިލޭ ބެލުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދެނީ މިނެޓަކަށް 1،000 ޑޮލަރަށެވެ.