އޭނާ ދިރިއުޅެމުން ދިޔަ ގެއަށް ގިނިހިލައެއް ވެއްޓި، އެއް ރެއިން، ޒުވާނަކު މިލިއަނަރަކަށް ވެއްޖެއެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާގައި ދިރިއުޅެމުން އަންނަ، އުމުރުން 33 އަހަރުގެ ޖޯޝުއާ ހުއާޓުލާންގް އަކީ، އާމްދަނީ ހޯދުމަށް ސަންދޯއް ޖަހައިދޭ މީހެކެވެ. އޯގަސްޓް މަހުން ދުވަހެކެވެ. ޖޯޝުއާ ދިޔައީ ގޯތި ތެރޭގައި މަސައްކަތެއް ކުރަމުންނެވެ. ސިހުން ގެނުވީ ބާރުގަދަ އަޑުފަށްގަނޑަކާއެކުގައެވެ.

ގޭތެރެއަށް ވަދެ ބެލިއިރު، ޖޯޝުއާއަށް ފެނުނީ، އޭނާ ދިރިއުޅޭ ގޭގެ ފުރާޅު ފޫއަޅުވާލުމަށްފަހު ގޭ ތެރެއަށް ވެއްޓިފައި އޮތް ގިނިހިލައެކެވެ. ނަގަން އަތްލިއިރުވެސް އެ ގިނިހިލަ ހޫނެވެ. ޖޯޝުއާ ކިޔަދިން ގޮތުގައި ގިނިހިލަ ވެއްޓުނު ވަގުތު އިވުނު އަޑުފަށްގަނޑުގެ ގަދަ ކަމާއެކު، މުޅި ގެއަށްވެސް ގުޑުން އެރިއެވެ.

ޖޯޝުއާގެ ގެއަށް ވެއްޓުނީ އާދައިގެ ގިނިހިލައެއް ނޫނެވެ. އެއީ 4.8 އަހަރު ވެފައިވާ ގިނިހިލައެކެވެ. އެ ގިނިހިލާގައިވާ މާއްދާތަކަކީ، މަދުން ނޫނީ ނުފެންނަ ޒާތުގެ މާއްދާތަކެކެވެ. އެ މާއްދާގެ ގުރާމަކަށްވެސް 645 ޕައުންޑް ޖެހެއެވެ. ޖޯޝުއާގެ ގެއަށް ވެއްޓުނު ގިނިހިލައިގެ ބަރުދަނުގައި 2.1 ކިލޯގްރާމް ހުއްޓެވެ.

ގިނިހިލައިގެ ވާހަކަ، ޖޯޝުއާ ހިއްސާކުރީ ފޭސްބުކްގައެވެ. އަދި މިކަހަލަ ތަކެތި އެއްކުރާ އެމެރިކާގެ ސްޕެޝަލިސްޓެއް ކަމަށްވާ ޖެރާޑް ކޮލިންސްއަށް މި ގިނިހިލަ ވިއްކާލިއެވެ. ގިނިހިލަ ވިއްކާލައިގެން ލިބުނީ ކިހާ ވަރެއްކަން ހާމަ ކުރުމަށް ޖޯޝުއާ އިންކާރު ކުރެއެވެ. ނަމަވެސް، 1 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް ޖެހޭނެ ކަމަށްވެއެވެ. މިއީ ކުރިއަށް އޮތް 30 އަހަރެއްހާ ދުވަހު އަތުން ފައިން، އެއްވެސް މަސައްކަތެއް ނުކޮށް، ޖޯޝުއާއަށް އުޅެވޭނެ ވަރުގެ ފައިދާ އެކެވެ.