ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމިއްޔާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
މި އިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދޭ އިނާމެކެވެ.
ޔޫތް މިނިސްޓްރީން ބުނީ، މި އިނާމުގެ ސަބަބުން ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރު) އެޕްލިކޭޝަން ފޯމް ނުވަތަ މި މިނިސްޓްރީގެ އީމެއިލް އަށް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި ހަމަ އެހެންމެ މަދަނީ ޖަމިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށްވެސް ޑައުންލޯޑް ކުރެވޭނެއެވެ.