ޒުވާނުންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރެއްވި ސުވާލުތަކަށް އެމަނިކުފާނު އުންމީދީ ޖަވާބުތަކެއް ދެއްވައިފިއެވެ.
މިހާރުގެ ޒުވާނުންނަށް އަމާޒުކޮށްގެން، އެ މީހުންނާއި ގުޅޭ ގޮތަށް ފެށި "ދެނޯ" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުމީ އެމަނިކުފާނުގެ ދުރު ރާސްތާގެ ތަސައްވުރު ކަމުގައެވެ. އެގޮތުން ޑިޖިޓަލް އިގްތިސާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ހިއްސާ އޮތުމަކީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދުކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރުވެސް ޒުވާނުން އެދާއިރާގައި އަދާކުރާ ދައުރު ބޮޑު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަނަވާ ގޮތް ކަމަށާއި، ދިވެހި ކޮންމެ ޒުވާނަކީ ދިވެހިވަންތަ، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމަށާއި، ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
މި ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމްގައި، ލުއި ސެގްމަންޓްތަކެއްވެސް ހިމަނާފައިވާއިރު، ރައީސްގެ ހަޔާތްޕުޅުން އެންމެ ޒުވާން ދުވަސްވަރުގެ ގިނަ ހަނދާންތަކަކާއި ތަޖުރިބާތަކެއްވެސް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު އުމުރުން 18 އަހަރުގައި އޭލެވެލް ނިންމެވި ގޮތަށް އެންމެ ފުރަތަމަ ވެންނެވީ ސަރުކާރުގެ ވަޒީފާއަކަށް ކަމަށާއި، ކުރިއަށް ދާން ބޭނުންވެވަޑައިގެންނެވީ ސައިންސް/ އިންޖިނިއަރިންގެ ދާއިރާއަކުން ކަމަށެވެ.
2012ގައި ހައުސިން މިނިސްޓަރަކަށް ވެވަޑައިގެންނެވި ހިސާބުން ސިޔާސީ ދާއިރާއަށް ނުކުތް ނަމަވެސް ރާއްޖޭގެ ރައީސަކަށް ވުމުގެ ވިސްނުންފުޅު ވަރަށް ފަހަކާ ޖެހެންދެންވެސް ނުގެންގުޅުއްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.