ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މޮޑާނާ ކުންފުނިން ތަރައްގީ ކުރި ވެކްސިނަކީ 94.5 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް އެކުންފުނިން ބުނެއެވެ. ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ފަހުކޮޅު، އާންމު އުސޫލުން އެމެރިކާއަށް ވެކްސިން ފޯރުކޮށްދިނުމަށް މޮޑާނާ ކުންފުނިން ދަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ވެކްސިން ތަރައްގީ ކޮށް، އާންމުންނާ ހިއްސާބަށް ގެނެސް ދިނުމަށް ސައެންސްވެރިން ބޮޑެތި މަސައްކަތްތަކެއް އުފުލަމުން ދާއިރު، މި ވެކްސިންގައި ސައިޑް އިފެކްޓްތަކެއް ހުންނާނެ ކަން، ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ. ތަހުލީލީ މަރުހަލާތަކުގައި މޮޑާނާގެ ވެކްސިން ބޭނުން ކުރި ބައެއް ވޮލަންޓިއަރުން މިހާރު ދަނީ، މި ވެކްސިނާއެކު އެމީހުން ކުރި ތަޖުރިބާތައް ހިއްސާ ކުރަމުންނެވެ. އާންމު ސައިޑްއިފެކްޓްތަކުގެ ތެރޭގައި ހިމެނެނީ، ހުން އައުން، އަތުގައި ރިއްސުން، އަދި ވަރުބަލިވުމުގެ ތަކުލީފުތަކެވެ.

ތަހުލީލީ މަރުހަލާގައިވާ މޮޑާނާގެ ކޮވިޑް-19 ވެކްސިން ޑޯޒްއެއް ސިރިންޖަކަށް ނަގަނީ/ފޮޓޯ: އޭޕީ

މިފަދަ ތަޖުރިބާތަކެއް ހިއްސާކުރި އެކަކީ ޔުނިވާސިޓީ އޮފް ނޯތު ކެރޮލައިނާގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރު، ޖެކް މޯނިންގްސްޓާއެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ މޮޑާނާގެ ވެކްސިން، އޭނާ ނެގީ ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައެވެ. ޖެކް މޯނިންގްސްޓާ ބުނާ ގޮތުގައި ވެކްސިނާއެކު ތަހައްމަލު ކުރަން ޖެހުނު ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހުން އައުމާއި، ވަރުބަލިކަން އިހުސާސް ކުރަންޖެހުން ހިމެނެއެވެ.

މޯނިންގްސްޓާ ވަނީ ވެކްސިނާ ގުޅިގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފެތުރެމުންދާ އަޑުތަކުގެ މައްޗަށްވެސް އަލި އަޅުވާލާފައެވެ. ފޮކްސް އެންޑް ފްރެންޑްސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން މޯނިންގްސްޓާ ބުނީ، މިއީ ވެކްސިނާ ގުޅިގެން ހިތުގައި ބިރުވެރިކަން އުފައްދަން ވީ ވަގުތު ނޫން ކަމަށެވެ. މިއީ، ވެކްސިންގެ ސަބަބުން އޯޓިޒަމް ފަދަ ބަލިތަކަށް މަގު ފަހި ކުރާ ކަމަށް ބުނެ، ދައުރުވާ ދޮގު ހަބަރު ފަތުރާ ފަރާތްތަކަށް އޭނާ ނުސީދާ ގޮތުން ދިން ރައްދެއް ކަމަށް ބެލެވެއެވެ.

އެމެރިކާގައި ސިއްހީ ހިދުމަތްދޭ ތަނެއްގައި މަރުވި ކޮވިޑް-19 ޕޭޝަންޓުންގެ ގަބުރުތައް އުފުލަނީ/ފޮޓޯ: އޭއެފްޕީ

މޯނިންގްސްޓާ ބުނީ، ކުޑަކޮށް ހުން އައުމާއި، އަތެއްގައި ރިއްސާލުމަކީ، ކޮވިޑް-19ގައި މަރުވެދާ މީހުންގެ އަދަދަށް ބަލާއިރު، ވެކްސިން ނުޖަހާންވީ ސަބަބެއް ނޫން ކަމަށެވެ. ބިރު ގަންނަންވީ ހުން އައިސް، އަތުގައި ރިއްސާފާނެ ތީ ނޫން ކަމަށާ، ޖެހިލުންވާންވީ ބަލީގައި މީހުން މަރުވާ ރޭޓާ މެދު ކަމަށްވެސް މޯނިންގްސްޓާ ވަނީ ބުނެފައެވެ.

މޮޑާނާގެ ވެކްސިން ޖަހައިގެން ކުރިމަތިވި ސައިޑްއިފެކްޓްތަކާ ކުރިމަތިލީ އިބޫޕްރޯފެންއާއެކު ކަމަށްވެސް މޯނިންގްސްޓާ ބުނެއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކޮށްފައި ވާ ވެކްސިން ތަޖުރިބާ ކުރަމުން އަންނަ ޖެކް މޯނިންގްސްޓާ / ފޮޓޯ: ފޮކްސް ނިއުސް

މޮޑާނާއިން ބުނާ ގޮތުގައި އެކުންފުނީގެ ވެކްސިނަކީ ފުރިޖެއްގައި، 2-8 ޑިގްރީ ސެލްސިއަސްއާ ދެމެދު ފިނިމިނެއްގައި، 30 ދުވަހަށް ރައްކާ ކުރެވޭނެ ވެކްސިނެކެވެ. އަދި މައިނަސް ވިހި ޑިގްރީ ސެލްސިއަސްގައި 6 މަހެއްހާ ދުވަހަށްވެސް ވެކްސިން ރައްކާ ކުރެވޭނެ ކަމަށް މޮޑާނާއިން ބުނެއެވެ.

މޮޑާނާއަކީ އިންތިހާ ހަލުވި ދުވެލީގައި ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ބައިވެރިއެކެވެ. މޮޑާނާއިން އަމާޒު ހިފާފައި ވަނީ މިއަހަރު ތެރޭ، އެމެރިކާއަށް 20 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ލިބުމާއެކު، ވެކްސިން ޑެލިވާ ކުރުމުގެ މަސައްކަތް ފެށުމަށް މޮޑާނާ އޮތީ ތައްޔާރު ވެފައެވެ.