މިދިޔަ ހަފްތާގައި ސަރުކާރުގެ ފަރާތުން ވަނީ އަންނަ 2021 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މަޖިލީހުގައި ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ 34،787،720،151 ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ،ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ބަހުސް މިއަދު މަޖިލީހުގެ ތަޅުމުގައި ފަށާ އިރު އިއްޔެ މަޖިލީހުގެ ބަޖެޓް ކޮމިޓީއިން ވަނީ ދައުލަތުގެ މުހިންމު ދެ މާލީ އިދާރާ ކަމަށްވާ މަރުކަޒީ ބޭންކް، އެމް.އެމް.އޭއާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ މެދު ދެކޭ ގޮތް ހޯދުމަށް ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި، އަންނަ އަހަރުގެ ބަޖެޓްގައި ކޮންމެ ދާއިރާއަކަށް ހިމަނާފައިވާ ފައިސާގެ ތަފްސީލު އޮންލައިން އަދި މެއިންސްޓްރީމް މީޑިއާތަކުން ގެނެސްދިން ނަމަވެސް އާދިއްތަ ދުވަހުގެ ސުރުހީތަކުން ފާހަގަވި މައިގަނޑު އެއް ކަމަކަކީ 2021 ވަނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓާ މެދު ދައުލަތުގެ މުހިންމު މާލީ އިދާރާތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމެވެ.

މި ގޮތުން، އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރި މައިގަނޑު ކަންބޮޑުވުމަކީ އަންނަ އަހަރުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ހޯދާ ފައިސާގެ ބޮޑު ބައެއް އެއްގައުމަކުން ހޯދުމަށް ކަނޑައަޅާފައި އޮތުމެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ބަޖެޓް ކޮމިޓީއަށް ދިން ޕްރެޒެންޓޭޝަންގައި ބުނީ ކޮވިޑްގެ މިހާލަތުގައި ދުނިޔޭގެ އިޤްތިސޯދަށް ވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދާ މިދަނޑިވަޅުގައި އެއްގައުމަކަށް ބަރޯސާވެ ހިލޭ އެހީ ހޯދަން ނިންމާފައި އޮތުމަކީ މާލީ ގޮތުން ހަރުދަނާ ނިންމުމެއް ކަމަށް ނުފެންނަ ކަމަށެވެ. ހާއްސަކޮށް އެގައުމެއްގެ އިޤްތިސޯދު ހީނަރުވެއްޖެ ހާލަތެއްގައި މި އެހީ ނުލިބުމަކީ އެކަށިގެންވާ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަ ކުރި އިރު މިކަން މި ގޮތަށް ވެއްޖެނަމަ ދައުލަތުގެ ހަރަދުތައް އަތުން ކައްސާލައިގެން ގޮސް މިހާރު ވެސް ދަރަނީގެ އަނދަވަޅަކަށް ވެއްޓިފައި އޮތް ރާއްޖެ ދަރަނީގެ ތެރެއަށް ގެނބިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުލަތުގެ ދަރަނިތައް އަހަރުން އަހަރަށް އިތުރުވުމާ ދައުލަތުގެ ހަރަދުތައް ވެސް އިތުރުވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދަރަނި އަނބުރާ ދެއްކުމާ އިތުރުވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ހަރަދުތައް ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

2021 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް އޮޑިޓާ ޖެނެރަލްގެ ފަރާތުން ޕްރެޒެންޓޭޝަން ދެނީ / ފޮޓޯ: މަޖިލިސް

އެއޮފީހުން ދިން ޕްރެޒެންޓޭޝަން އަޑުއަހަން އިން މީހާއަށް ފަހުމްވަނީ އެންމެ ކަމެކެވެ. ފިނޭންސް މިނިސްޓްރީއިން އަންނަ 2021 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާކީ ރާއްޖޭގެ މިހާރުގެ އިޤްތިސޯދީ ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނުދެކުމެވެ.

ދެން މަރުކަޒީ ބޭންކު، އޭމްއެމްއޭއިން ބަޖެޓް ކޮމިޓީއަށް ދިން ލަފައަށް ޖެހިލަމާތޯއެވެ. މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭގެ ލަފާ އެރުވުމުގެ ކުރިން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ދެތިން ޖުމްލައިން ވެސް އެއިދާރާގެ ލަފާ އަންނާނެ ގޮތް ސާފުވެގެން ދިޔައެވެ. ހާޝީމް ވިދާޅުވީ، މި ލަފާއަކީ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ އިޤްތިސޯދީ ހާލަތަށް ރިއާޔަތްކޮށް ބަޖެޓް ފާސްކުރުމުގެ މަޤްސަދުގައި މަޖިލީހުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަންކަން ހިމަނައިގެން އަރުއްވާ ލަފާއެއް ކަމަށެވެ.

ގަވަރުނަރު ހާޝީމް ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައި ވަނީ ދައުލަތުގެ އާމްދަނީ އާއި ރާއްޖޭގެ އިގުތިސޯދީ ހާލަތާ ނުބައްދަލު ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. އެހެންކަމުން ޕްރޮޖެކްޓްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށަވަރު ނުކޮށް ޕްރޮޖެކްޓްތައް ނުފެށުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބާރުއަޅަން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ގިނަ މަޝްރޫއުތައް ހިންގަން ރާވާފައި ވަނީ ދަރަނި ނަގައިގެން ކަމަށް އަލީ ހާޝިމް ފާހަގަކުރެއްވިއެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި އެމްއެމްއޭގެ ގަވަރުނަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް

ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް ތަންފީޒުކުރަން އެންމެ އުނދަގޫވާނެ ބަޖެޓަށް ކަމަށާއި މިކަމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހޭނެ ކަމަށެވެ. އަދި މި ވިސްނުމުގައި ދައުލަތުން ވެސް އަދި މަޖިލީހުން ވެސް ކުރިއަށް ދިއުމަށް ގަވަރުނަރު އެދިވަޑައިގެންނެވެ.

މީގެ އިތުރުން، ކޮމިޓީގެ މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ހާޝިމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސޯދީ ތަސައްވަރާ ބެހޭ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ދީފައިވާ ލަފާއިން ފިނޭންސް މިނިސްޓަރު އަމީރު އަޑުއެއްސެވީ އެއްބައި ކަމަށެވެ. އެފަރާތްތަކުން ބުނެފައިވަނީ އިޤްތިސޯދު ހިފެހެއްޓުމަށް މިހާރު ތަންފީޒުކުރަމުންދާ ސިޔާސަތުތައް ކުއްލިއަކަށް ހުއްޓާނުލުމަށް ކަމަށާ އެފަދަ ނިންމުމަކުން އިޤްތިސޯދަށް ކުރާނެ ނޭދެވޭ އަސަރު ބޮޑުވާނެ ކަމަށެވެ.

2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ބަހުސް މިއަދު މަޖިލީހުގެ ތަޅުމުގައި ފަށާ އިރު މަޖިލީހުގެ ކޮމިޓީއަށް ލަފާ ދިން ދައުލަތުގެ ދެ މާލީ އިދާރާގެ ވިސްނުން ވަރަށް ސާފެއެވެ. ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ މިހާރު އިޤްތިސޯދީ ހާލަތަށް ބަލާ އެކުލަވާލާފައިވާ ބަޖެޓެއް ނޫން ކަމަށް ދެ އިދާރާގެ ވާހަކައިން ވެސް ދޭހަވެއެވެ.

އަދި އަންނަ އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ބަޖެޓާ މެދު ދެ އިދާރާގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމާއި ގައުމު އިތުރު އިޤްތިސޯދީ ވަޅުގަނޑަކަށް ނުވެއްޓި މި ފަދަ ބަޖެޓެއް ތަންފީޒު ކުރެވިދާނެ ކަމަށް އޮތް އުއްމީދުގެ ފަނޑުކަމެވެ.