ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ދައުލަތުގެ އަހަރީ ބަޖެޓަކީ މުޅި ދުނިޔެވެސް އެ ބަޖެޓެއްގެ ތަފްސީލުތަކަށް ފާރަވެރިވާ ބަޖެޓެކެވެ.

ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ވަރުގަދަ އިގުތިސޯދެއް އޮތް އިންޑިއާގެ މިއަހަރުގެ ބަޖެޓްގެ މަސައްކަތް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިމަހުގެ 1 ވަނަ ދުވަހު ކުރިއަށް ގެންދިޔައިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އެކުލަވާލި މި ބަޖެޓަކީ، އެތައް ބައެއްގެ އުއްމީދުތަކާވެސް ގުޅިފައިވާ ބަޖެޓެކެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުތަކުގެ ލިސްޓުން ޖާގަ ހޯދަމުން އަންނަ އިންޑިއާއަށްވެސް ކޮވިޑް-19ގެ ހީނަރުކަމުން އަރައެއް ނުގަނެވެއެވެ. ގައުމީ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދިޔައީ ދަށަށެވެ. ވަޒީފާ ނެތް މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ބޭންކިންގް ސެކްޓަރަށްވެސް ކުރިއެއް ނުލިބެއެވެ.

އޯގަސްޓް މަހުން ފެށިގެން އިންޑިއާއިން ދަނީ ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރަމުން/ފޮޓޯ: ޑީއެންއޭ އިންޑިއާ

ނަމަވެސް، މާލީ ވަޒީރު ނިރުމަލާ ސިތާރަމަންގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލި ބަޖެޓަކީ ގައުމު ނެގެހެއްޓުމަށް ބޮޑެތި ހަރަދުތަކެއް ކުރުމަށް މަގު ތަނަވަސްކޮށްދެނިވި ބަޖެޓެކެވެ. އިގުތިސޯދު ހިންގައިގަތުމަށްޓަކައި ސިއްހީ އަދި އުމްރާނީ ތަރައްގީއަށް ބޮޑެތި ހޭދަތަކެއް ކުރުމަށް އިންޑިއާ އޮތީ އަމާޒު ހިފާފައިކަން މި ބަޖެޓުން ދޭހަކޮށްދެއެވެ.

ފިސްކަލް ޑެފިސިޓް ނުވަތަ އާމްދަނީއާއި ހަރަދުގެ ފަރަގަށް ބަލާއިރު، މި ހިނގާ މާލީ އަހަރު، އިންޑިއާގެ ފިސްކަލް ދަރަނި ވަނީ 9.5 ޕަސެންޓް އިތުރުވެފައެވެ. މިއީ މުޅި ދުނިޔެއަށް އިންޑިއާގެ ބާޒާރުތައް (1991 ވަނަ އަހަރު) ހުޅުވާލި ފަހުން، މި އަދަދު މިހާ މަތިން ރެކޯޑް ކުރި ފަހަރެވެ.

އިންޑިއާގެ ކުރިއަށް އޮތް މާލީ އަހަރު (2021-2022) އަށް ފިސްކަލް ދަރަނި ލަފާކޮށްފައިވަނީ 6.8 ޕަސެންޓަށެވެ. ސިތާރަމަން ވިދާޅުވަނީ، ކުރިއަށް އޮތް 5 އަހަރެއްހާ ދުވަހުގެ ތެރޭގައި މިއަދަދު 2 ބައިކުޅަ 1 ބަޔަށް ކުޑަ ކުރެވޭނެ ކަމަށެވެ.

އިންޑިއާގެ ކޮޗިންގެ ބަނދަރު ސަރަހައްދު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އިކޮނޮމިކް ޓައިމްސް

އިންޑިއާގެ ބަޖެޓުން 3 ހުލާސާ

ސިއްހީ ހޭދަ 137 ޕަސެންޓް މައްޗަށް

މުޅި ދުނިޔޭގެ "ބޭސް ފިހާރަ"އިގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާގެ ދައުލަތުގެ ބަޖެޓްގައި ސިއްހީ ދާއިރާއަށް ކަނޑައަޅާފައި ވާ މިންވަރު ވަނީ 2 ގުނަ އިތުރުވެފައެވެ. އިންޑިއާގެ ދައުލަތުގެ ބަޖެޓްގައި ސިއްހީ ހޭދައަށް ކަނޑައަޅާފައި ވަނީ ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. މިއީ މީގެ ކުރިން މާ ބޮޑު ހޭދައެއް ކުރަމުން ނުދާ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން އިންޑިއާގެ ސިއްހީ ދާއިރާއަށް ލިބެނީ، ޖީޑީޕީގެ ގާތްގަނޑަކަށް 1.3 ޕަސެންޓެވެ.

އިންޑިއާގެ ކޮންސްޓްރަކްޝަން ސައިޓެއްގަ މީހުންގެ ހުން ބެލުމުގެ އޮޕަރޭޝަނެއް ކުރިއަށްދަނީ/ފޮޓޯ: ދަ ވަޔާ ސައެންސް

ސިއްހީ ދާއިރާއަށް ކަނޑައެޅި ބަޖެޓުން 8.5 ބިލިއަން ޑޮލަރު ހާއްސަ ކޮށްފައިވަނީ ސިއްހީ ހިދުމަތާ ގުޅޭ އުމްރާނީ ތަރައްގީއަށެވެ. މި ގިންތީގައި ޕްރައިމަރީ، ސެކަންޑްރީ އަދި ޓާޝަރީ ފެންވަރުގައި ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމަށް ހޭދަ ކުރުމަށް ހަމަޖައްސާފައިވެއެވެ. މިއީ 6 އަހަރުގެ މުއްދަތަށް ހޭދަ ކުރާނެ މިންވަރު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ސަރުކާރުން މިހާރުވެސް ވަނީ ކޮވިޑް-19 ވެކްސިން ކެމްޕޭނަށް އިތުރު 4.8 ބިލިއަން ޑޮލަރު ހަރަދު ކުރުމަށް ނިންމާފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި ހިންގާ ކޮވިޑް ވެކްސިން ކެމްޕޭނަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް މިހާތަނަށް ހިންގާ އެންމެ ބިޔަ ކެމްޕޭން ކަމަށް ހަބަރު ލިބެއެވެ.

ސިތާރަމަން ވިދާޅުވީ، މި ކަމަށް އިތުރު ފަންޑު ބޭނުން ނަމަ ސަރުކާރުން އެކަންވެސް ކުރާނެ ކަމަށެވެ. ނަމަވެސް އިންޑިއާގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވާ ކަން ނުވަތަ ނޫން ކަން އަދި ސާފެއް ނުވެއެވެ. އިންޑިއާ އަދި އޮތީ ވެކްސިން ކެމްޕޭންގެ ފުރަތަމަ މަރުހަލާގައެވެ. މި މަރުހަލާގައި ވެކްސިން ދެނީ ފްރަންޓްލައިން ހިދުމަތްތެރިންނަށް އެކަންޏެވެ. ކޮވިޑް ވެކްސިން ކެމްޕޭންގެ ފުރަތަމަ މަރުހަލާއަށް 2 ބިލިއަން ޑޮލަރު ހޭދަ ވާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ސީރަމް އިންސްޓިޓިއުޓްގެ ޒަމާނީ ފެންވަރުގެ ފެސިލިޓީއެއްގެ މޮޑެލް ބައްލަވާ ލައްވަނީ / ފޮޓޯ: ޕީއެމްއިންޑިއާ

އުމްރާނީ ތަރައްގީ ކުރިއެރުވުން

އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގުމަށް، 2.7 ބިލިއަން ޑޮލަރުގެ އަސާސީ ކެޕިޓަލް ބަޖެޓަކާއެކު، ޑިވަލޮޕްމަންޓް ފައިނޭންސް އިންސްޓިޓިއުޓް (ޑީއެފްއައި) ގާއިމު ކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ދަރަނީގެ ފަރުބަދަތަކުގެ ދަށުވަމުން ދާ ބޭންކުތަކަށް ލުއި ދިނުމަށް ހޭދަ ކުރާނެ ފައިސާ ކަމަށްވެސް ބުނެވެއެވެ.

މީގެ އިތުރުން އެސެޓް ރީކޮންސްޓްރަކްޝަންގެ މަސައްކަތާއި، ކުންފުނިތައް މެނޭޖު ކުރުމުގެ މަސައްކަތަށްވެސް މި ފަންޑުން ހޭދާ ކުރާނެއެވެ. މިއާއެކު، ބޭންކުތަކުން ލޯނު ދޫކުރާ މިންވަރު އިތުރު ކުރެވޭނެއެވެ.

ހައިވޭ ތަރައްގީ ކުރުމުގެ ގައުމީ ފެންވަރުގެ މަޝްރޫއުތަކަށްވެސް ފަންޑު ހަމަޖެއްސުމަށް މިކަމުން އެހީ ލިބޭނެއެވެ. އަދި އިންޑިއާގެ އެކި ހިސާބުތަކުގައި ޓެކްޓައިލް ޕާކު އެޅުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

އިންޑިއާގެ ރާޖަސްތާނުގައި ހުންނަ ހަވާ މަހަލް ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ފޯރިމަރަނީ/ފޮޓޯ: ވިޝާލް ބާތުނަގަރު

އިންޑިއާއިން އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ، 35 ޕަސެންޓަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.

"ޑިސްއިންވެސްޓްމަންޓް"އަށް އަމާޒު ވަރުގަދަ ޕްލޭނެއް

ޑިސްއިންވެސްޓްމަންޓް ނުވަތަ އިންވެސްޓް ކޮށްފައިވާ އެއްޗެއް އަނބުރާ ގެންދާ މަންޒަރުވެސް އިންޑިއާގެ ދައުލަތުގެ ބަޖެޓުން އޮތީ ފެންނާށެވެ.

ސިތާރަމަން ވިދާޅުވާ ގޮތުގައި ޑިސްއިންވެސްޓްމަންޓް އަމާޒަކީ 23 ބިލިއަން ޑޮލަރެވެ. މިކަން ކުރުމަށް ނިންމާފައި ވަނީ، ޕަބްލިކް ސެކްޓަރުގެ ބައެއް ދާއިރާތަކުން ސަރުކާރު އަތް ދޫކޮށްލައިގެންނެވެ. ދަރަނި ހާއްޔަކަށް ވެފައިވާ ގައުމީ އެއާލައިން "އެއާ އިންޑިއާ" ދޫކޮށްލުމަކީވެސް 2021-2022 ބަޖެޓަށް އިންޑިއާއިން ކަނޑައެޅި އަމާޒެކެވެ.

އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ހިޖުރަވެރި މަސައްކަތްތެރިންނަށް ހާއްސަކޮށްފައިވާ ވަގުތީ ހިޔާވައްސެއް/ފޮޓޯ: ހަރްޔާނާ ޕޮލީސް ޑިޕާޓްމަންޓް

ޑިސްއިންވެސްޓްމަންޓް ޕްލޭނަކީ އިންގިލާބީ އިސްލާހީ ބަދަލުތަކެއް ގެނުވަނިވި ކަމަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އެގޮތުން ޕަބްލިކް ސެކްޓަރުގައި ހިމެނޭ 2 ބޭންކަކާއި އިންޝުއަރަންސް ކުންފުންޏަކުންވެސް ސަރުކާރު އަތް ދޫކޮށްލާ، ޕްރައިވަޓައިޒް ކުރާނެ ކަމަށް ބެލެވެއެވެ.

ސިތާރަމަން ވިދާޅުވީ، އާންމު އުސޫލުން ހިއްސާ ވިއްކުމަށް މިހާރު އޮތް ގާނޫނުތަކަށް އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

މިއާއެކު އިންޑިއާއިން ވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ގައުމު ހުޅުވާ މިންވަރު އިތުރު ކޮށްފައެވެ. ވަކިން ހާއްސަކޮށް، އިންޑިއާގެ އިންޝުއަރަންސް ކުންފުނިތަކުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރާ މިންވަރު ކަނޑައެޅުމަށް މީގެ ކުރިން އޮތް ލިމިޓް އިތުރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހަބަރާއެކު، އިންޑިއާގެ ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ 4.5 ޕަސެންޓް މައްޗަށް ޖެހިލާފައެވެ.

ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި އިންޑިއާގެ އިގުތިސޯދު މިސްރާބު ޖަހާފައި ވަނީ ހެޔޮ ފާލަކާ ދިމާލަށެވެ. މި ހިނގާ މާލީ އަހަރު، އިންޑިއާގެ އިގުތިސޯދު 7.7 ޕަސެންޓް ދަށަށް ދިޔަ ނަމަވެސް، 2021-2022 ވަނަ މާލީ އަހަރު، އިންޑިއާގެ އިގުތިސޯދު، 11 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވެއެވެ. މި އަމާޒު ހާސިލުވެއްޖެ ނަމަ، އިންޑިއާ ވާނީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުވި ދުވެލީގައި ކުރިއަރާ އިގުތިސޯދު މިލްކު ކުރާ ގައުމަށެވެ.