މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓްފަދަ މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ތިން ވަނަ ދައުރު އަންނަ މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލުމަށް ނިންމާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ އެކަމަށް ވޯޓަށް އެހުން މިއަދު އޮންނާނެ ކަމަށެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއަށް އަރައެވެ.

ބަޖެޓާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބަޖެޓް ކުޑަކުރަން އެދިފައެވެ.

ބަޖެޓާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށް ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އެ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.