ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 707 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތުގެ ބަޖެޓް ޑެފިސިޓް 707 މިލިއަނަށް އަރާފައި ވާއިރު، މިއަހަރު މާޗް 11ގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަށް ލިބިފައި ވަނީ 3.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 2.8 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ހޯދި ފައިސާއެެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި، 427 މިލިއަން ރުފިޔާ ހޯދާފައި ވާއިރު، އޭގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 4.5 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.

މި އާމްދަނީ އިން، ވަނީ ސަބްސިޑަރީ ލޯނު ދެއްކުމަށް 0.7 މިލިއަން ރުފިޔާގެ ލުޔެއް ދީފައެވެ. އެހެންކަމުން އެ އަދަދު އާމްދަނީގެ ގޮތުގައި ނުބަލައެވެ.

މިއަހަރު ޕެންޝަނާއި، މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިދާރީ ހަރަދުތަކަށް 6.5 ބިލިއަން ރުފިޔާ އަދި ގެއްލުމުގެ ގޮތުގައި ނުވަތަ އަނބުރާ ނުލިބޭނެ ފައިސާގެ ގޮތުގައި 92.9 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މުދަލާއި، އިމާރާތްތައް އަދި ތަރައްގީގެ މަޝްރޫއުތައް ފަދަ ކަންކަމަށް ޖުމްލަ 6.4 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ލޯނުގެ ގޮތުގައިި 1 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އާމްދަނީއަށް 3.2 ބިލިއަން ލިބުނުއިރު، 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ ބަޖެޑް ޑެފިސިޓްގެ ގޮތުގައި 707 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ (މާޗް ހަތަކުން 11 އަށް)ގެ ތެރޭގައި އާމްދަނީގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ލިބިފައި ވާއިރު، 125.4 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.