ދުރު ރާސްތާއަށް ވިސްނާއިރު، ހުޅަނގު-ދެކުނު އޭޝިއާ އަދި ދެކުނު އޭޝިއާ ސަރަހައްދުގައި އޮތް އެންމެ ރެޒިލިއަންޓް ނުވަތަ ލޮޅުންތަކަށް އަހުލުވެރިވެ، ހަލުވި ދުވެލީގައި އެ އަނދަވަޅުން އަރައިގަތުމުގެ ގާބިލުކަން ލިބިފައިވާ އިގުތިސޯދަކީ އިންޑިއާއަށް ވެދާނެ ކަމަށް އދިން ލަފާ ކޮށްފިއެވެ.
"ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޓްރެންޑްސް އެންޑް އައުޓްލުކް އިން އޭޝިއާ އެންޑް ދަ އޭޝިއާ ޕެސިފިކް 2020/2021"ގެ ނަމުގައި އދއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ހީނަރު ކަމުން އިންޑިއާގެ އިގުތިސޯދު އަރައިގަންނާނީ މަޑު ދުވެއްޔެއްގައެވެ. ނަމަވެސް، މުޅި ގައުމުގެ ބޮޑެތި ބާޒާރު/ވިޔަފާރިތަކަށް ބަލާއިރު، ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ދަމައިގަންނަމުން ދާނެ ކަމަށްވެސް އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔުނެސްކެޕް)އިން މިމަހު އާންމު ކުރި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އދގެ ރިޕޯޓަށް ބަލާއިރު، މި ސަރަހައްދުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރި މިންވަރު 2019 ވަނަ އަހަރު ވަނީ 2 ޕަސެންޓް ދަށަށް ގޮސްފައެވެ. އެގޮތުން 2018 ވަނަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި)ގެ ގޮތުގައި 67 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާއިރު، 2019 ވަނަ އަހަރު މި އަދަދު އުޅުނީ 66 ބިލިއަން ޑޮލަރުގައި ކަމަށް ވެއެވެ.
މުޅި ސަރަހައްދަށް ބަލާއިރު، ކުރި އެރުމުގެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގައެވެ. އެފްޑީއައިގެ 77 ޕަސެންޓް ހިއްސާ ކުރީ އިންޑިއާއިންނެވެ. 2019 ވަނަ އަހަރު އިންޑިއާގައި 51 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާއިރު، މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 20 ޕަސެންޓް އިތުރު އަދަދެކެވެ.
އިންވެސްޓްމަންޓްތަކުގެ ބޮޑު ބައި އަމާޒު ކޮށްފައި ވަނީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ)އާއި އުމްރާނީ ބިނާވެށީގެ ސިނާއަތަށެވެ.
ޔުނެސްކެޕްގެ ރިޕޯޓްގައި މި ސަރަހައްދުން ބޭރުވި އެފްޑީއައި އަށް ބަލާއިރު، މިއަދަދު އިތުރުވި ކަން ފާހަގަ ކުރަންޖެހެއެވެ. އެގޮތުން 2018 ވަނަ އަހަރު މި އަދަދު 14.8 ބިލިއަން ޑޮލަރުގައި އޮތް އިރު، 2019 ވަނަ އަހަރު، މި އަދަދު ވަނީ 15.1 ބިލިއަން ޑޮލަރަށް އަރާފައެވެ.
އިންޑިއާގެ ކުރިއެރުންތަކަށް މި ރިޕޯޓްގައި އަލިއަޅުވާލާފައި ވާއިރު، ޓެލެކޮމް އަދި ޑިޖިޓަލް ދުނިޔޭގެ ވިޔަފާރީގެ ދާއިރާ ފާހަގަ ކުރަންޖެހެއެވެ. މި ދާއިރާތަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ސިނާއަތުގައި އިންޑިއާއަށް ލިބޭ ބޮޑު ފައިދާއަކަށް ވެދާނެ ކަމަށްވެސް މި ރިޕޯޓްގައި ލަފާކޮށްފައިވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ޑިޖިޓަލް ދުނިޔޭގެ ޑިމާންޑް އިތުރުވެގެން ދިއުމަކީވެސް ހެޔޮ ފާލެއް ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
އޭޝިއާގެ ބައެއް ގައުމުތަކުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރި މިންވަރު ދަށްވި ނަމަވެސް، ނޭޕާލްއާއި ދިވެހިރާއްޖެ އަދި ބޫޓާން ފަދަ ގައުމުތަކުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރި މިންވަރު އިތުރުވި ކަން ޔުނެސްކެޕްގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 2019 ވަނަ އަހަރު، ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރި މިންވަރު 2 ޕަސެންޓް އިތުރުވެފައި ވާކަމަށް ދައްކައެވެ. މި އަދަދު ދަށުގައި އޮތް ގައުމުތަކުގެ ތެރޭގައި ސްރީލަންކާ، އަފްގާނިސްތާނު އަދި އީރާނު ފާހަގަ ކުރެވެއެވެ.