އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކޮށްފައިވަނި 68 މެންބަރުންގެ ވޯޓާއެކުއެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިންނެވެ.

ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.

މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން، ތައުލީމީ ދާއިރާ އަށް 3.9 ބިލިއަން، އިޖުތިމާއީ ދާއިރާ އަށް 3.7 ބިލިއަން، ގެދޮރު އިމާރާތްކުރަން 3.2 ބިލިއަން، ތިމާވެށި ރައްކާތެރިކުރަން 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރިކަރަކަންޓު ހަރަދުގެ ގޮތުގައި މުސާރަ އާއި ހިންގުމާއި އާސަންދަ އާއި އިނާޔަތްތައް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ބޮޑެތި މަޝްރޫއުތައް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.