އިންޑިއާއާއި ޕާކިސްތާނު ހިއްސާ ކުރާ ހައިޖާނު ބޮޑު ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ބޯޑަރު ސަރަހައްދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިންގާ، ޕާކިސްތާނު އަސްކަރިއްޔާގެ 8 މެމްބަރަކު މަރާލާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އެލްއޯސީ ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން މަނާ ކޮށްފައި އޮންނަ އޮތުމާ ހިލާފަށް ޕާކިސްތާނުން އަމަލު ކޮށްފައި ވާ ކަމަށް ބުނެ، އެ ކަމަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ އަސްކަރިއްޔާއިން މިހާރު ދަނީ މި ސަރަހައްދުގައި ޕާކިސްތާނުގެ އަސްކަރިއްޔާއަށް އަމާޒު ކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިންޑިއާ މީޑިއާއިން ދަނީ މި މަންޒަރުތައް ސޯޝަލް މީޑިއާގައިވެސް ހިއްސާ ކުރަމުންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ 8 މެމްބަރަކު މަރާލާފައި ވަނީ، އިންޑިއާއިން ދެމުންދާ ރައްދު ހަމަލާތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ އަސްކަރިއްޔާގެ ތަރުޖަމާނު އޭ ބާރަތު ބުޝާން ބާބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާއިން ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި ދިން ރައްދު ހަމަލާތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވާނެ ކަމަށެވެ.

އެލްއޭސީ ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން މަނާ ކޮށްފައި އޮންނަ ގަވައިދާ ހިލާފަށް ޕާކިސްތާނުން އިސްވެ ދޭން ފެށި ހަމަލާތަކުގައި 6 މީހަކު މަރުވެފައި ވާ ކަމަށާ، އޭގެ ތެރޭގައި އިންޑިއާގެ ސަލާމަތީ ބާރުތަކުގެ 3 މެމްބަރަކުވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ. އިތުރު ބަޔަކު ޒަހަމްވި ކަމަށްވެސް މައުލޫމާތު ލިބެއެވެ.