"ބާސްމަތީ" ހަނޑުލަކީ އިންޑިއާއަށް މިލްކުވެގެންވާ ޓައިޓަލްއެއް ގޮތަށް، ޔޫރަޕިއަން ކޮމިޝަނުން ރެގިއުލޭޝަނުން ދޫކުރާ ޖިއޮގްރަފިކަލް އައިޑެންފިކޭޝަން (ޖީއައި) ޓެގް، އިންޑިއާއިން ކަށަވަރުކޮށްފައި ވާ މައްސަލަ އިސްތިއުނާފު ކުރުމަށް ޕާކިސްތާނުން މަސައްކަތް ފަށައިފިއެވެ.

'ބާސްމަތީ" ހަނޑުލަކީ އިންޑިއާގެ މިލްކެއް ކަމަށް ކަނޑައަޅާ، އިންޑިއާއިން ޖީއައި ޓެގް ކަށަވަރު ކުރަން ހުށަހެޅީ 2018 ވަނަ އަހަރުއެވެ. ވިލާތުން މި ޓައިޓަލް ކަށަވަރުކޮށްދިނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ކަން މިހެން އޮތް ނަމަވެސް އިންޑިއާއިން ދަނީ، ބާސްމަތީ ހަނޑުލުގެ ފުރިހަމަ މިލްކުވެރިކަމަކީ އިންޑިއާގެ ހައްގެއް ކަމަށް ވަކާލާތު ނުކުރާ ކަމަށް ބުނަމުންނެވެ.

ޖީއައި ޓެގަކީ، ޖިއޮގްރަފިކް ގޮތުން އެ ސަރަހައްދަކަށް ލިބިފައިވާ ހާއްސަ ކަމެއްގެ ސަބަބުން އުފެއްދުންތަކަށް ލިބިފައިވާ ހާއްސަ ސިފަތަކަކަށް ދީފައިވާ ފިކުރީ މުދާ ހިމާޔަތް ކުރާ ޓެގެކެވެ.

"ބާސްމަތީ" ހަނޑުލަށް ދޫކޮށްފައިވާ ޖީއައި ޓެގްގައި ބުނެފައި ވަނީ، ހިމަ ދިގު ހަނޑޫ ފުށްތަކަށް ހުންނަ، މީރުވަހެއް ދުވާ މި ހަނޑުލަކީ، އިންޑިއާގެ ސަބްކޮންޓިނެންޓް ސަރަހައްދަށް ހާއްސަ އުފެއްދުމެއް ކަމަށެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ބުނީ، "ބާސްމަތީ" ހަނޑުލުގެ އެކްސްކްލޫސިވް ހައްގު ހޯދުމަށް އިންޑިއާއިން އެއްވެސް އިރެއްގައި މަސައްކަތް ނުކުރާ ކަމަށާ، ސަބް-ކޮންޓިނެންޓަކީ އެންމެ ގައުމެއްގެ ވާހަކަ ނޫން ކަމަށެވެ.

ޕާކިސްތާނުގެ ކަންބޮޑުވުމަކީ، އެ ގައުމުންވެސް އިންތިހާއަށް ބަރޯސާވާ ބާސްމަތީ ހަނޑުލުގެ ވިޔަފާރިއަށް ހީނަރުކަމާ ކުރިމަތިވުމެވެ. އިންޑިއާއަށް ދޫކޮށްފައިވާ ޖީއައި ޓެގްއާއެކު، ވިލާތަށް ބާސްމަތީ ހަނޑު އެކްސްޕޯޓް ކުރުމަށް ޕާކިސްތާނަށް ހުޅުވިފައިވާ ދޮރު ބަންދުވެދާނެ ކަމުގެ ކަންބޮޑުވުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބާސްމަތީ ހަނޑުލުގެ ވިޔަފާރިއަށް ބަލާއިރު، 65 ޕަސެންޓް ހިއްސާކުރަނީ އިންޑިއާއިންނެވެ. އަދި ޕާކިސްތާނުން ހިއްސާ ކުރަނީ 35 ޕަސެންޓް ކަން ވެސް ފާހަގަ ކުރަންޖެހެއެވެ.

ބާސްމަތީ ހަނޑުލުމުގެ ފުރިހަމަ މިލްކުވެރިކަން ހޯދުމަށް، 1990ގެ އަހަރުތަކުގައި އެމެރިކާގެ ރައިސްޓެކް ކުންފުނިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ވިލާތުގެ އިއްތިހާދުން ބުނާ ގޮތުގައި ބާސްމަތީ ހަނޑުލުގެ ވާހަކަ އެންމެ ފުރަތަމަ ފެނިފައިވަނީ، 1766 ވަނަ އަހަރުގެ ޕަންޖާބީ ޅެމަކުންނެވެ.