ޗައިނާއިން ދަނީ، ދެކުނު އޭޝިއާ ސަރަހައްދުގެ ސުޕާވަރުގެ ގޮތުގައި އޮތް އިންޑިއާއަށް، އަސްކަރީ ގޮތުން ޕްރެޝަރު ކުރަމުން ކަމަށް، ދާދި އަވަހަށް އިންޑިއާއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާ އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވެއްޖެއެވެ.

އެސްޕާ ވިދާޅުވީ ކޮންމެ ދުވަހަކީވެސް ހިމާލަޔާސް ސަރަހައްދުގައި ޗައިނާގެ ޕްރެޝަރާ އިންޑިއާއަށް ކުރިމަތިލާންޖެހޭ ދުވަހެއް ކަމަށާ، ދެ ގައުމު ހިއްސާކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ބޯޑަރު ސަރަހައްދުގައި މިކަން ވަކިން ބޮޑު ކަމަށެވެ. ޗައިނާ އެ ކުރަމުން ދާ ކަމެއް، ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ ގައުމަކަށް މިހާރު ހާމަވާން އޮތް ކަމަށާ، ބައެއް ސަރަހައްދުތަކުގައި ޗައިނާއިން ކުރާ ކަންކަން ވަރަށް ސާފުކޮށް ފެންނަ އޮތްއިރު، އަނެއް ބައި ސަރަހައްދުތަކުގައި މާ ސާފު ނޫން ކަމަށްވެސް އެސްޕާ ވިދާޅުވިއެވެ. ސިޔާސީ ޕްރެޝަރާއި ޑިޕްލޮމެޓިކް ޕްރެޝަރަކީ ޗައިނާގެ ފަރާތުން އުފެދިގެން އަންނަ ޕްރެޝަރުތަކެއް ކަމަށާ، އިންޑިއާ ފަދަ ގައުމަކަށް ބަލާއިރު، އިނދަޖައްސާލުމުގެ ނިޔަތުގައި އަސްކަރީ ގޮތުންވެސް ޕްރެޝަރު ކުރަމުން އަންނަ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، މީގެ ދުވަސް ކޮޅެއް ކުރިން، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ، އެލްއޭސީ ސަރަހައްދުގައި ޗައިނާ އަސްކަރިއްޔާގެ 60000 އެއްހާ ސިފައިން ރުކުރުވާލާފައި ވާ ކަމަށް ވިދާޅުވެފައެވެ. އެސްޕާއާއިއެކު ޕޮމްޕޭއޯވެސް އިންޑިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ މަޝްވަރާތަކަށްފަހު، ޕޮމްޕޭއޯ ރާއްޖެ ވަޑައިގަންނަވާނެ ކަން ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ.