ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައިވިއްދައިގެން އޮތް ޗައިނާއިން ސަރަހައްދީ ފެންވަރުގައި ނުފޫޒު ގަދަ ކުރަމުން ދާ ދިއުމާ މެދު އިންތިހާއަށް ފާރަވެރިވެގެން އޮތް އޭޝިއާއާއި އޯޝޭނިކް ސަރަހައްދުގެ ބައެއް ގައުމުތަކުން ހަތިޔާރު ގަތް މިންވަރު އިތުރު ވެފައި ވާ ކަމަށް، ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން އާންމު ކުރި ދިރާސާއެއް ބުނެފިއެވެ.

މި ދިރާސާއަކީ 2013 އާއި 2021 ވަނަ އަހަރާ ދެމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތިޔާރު ގަތުމަށް ހިންގި މުއާމަލާތްތަކާ، އޭގެ ކުރީ ފަސް އަހަރު ދުވަހުގެ މި މުއާމަލާތްތަކާ އަޅާ ކިޔައިގެން ހަދާފައިވާ ދިރާސާއެކެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓްގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެންމެ ގިނަ އަދަދަކަށް ހަތިޔާރު އެތެރެ ކުރި 10 ގައުމުގެ ތެރެއިން 6 ގައުމެއް ނިސްބަތް ވަނީ އޭޝިއާއާއި އޯޝޭނިއާ ސަރަހައްދަށެވެ.

މި ގައުމުތަކުގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ހަތިޔާރު އެތެރެ ކޮށްފައި ވަނީ އިންޑިއާއިންނެވެ. އިމްޕޯޓް ކުރި ހަތިޔާރުގެ 11 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ އިންޑިއާއިން ކަމުގައި ވީ ނަމަވެސް، އިންޑިއާ ހިމެނޭ އޭޝިއާ ސަރަހައްދަށް ހަތިޔާރު އެތެރެ ކުރި ޖުމުލަ ނިސްބަތް ވަނީ 4.7 ޕަސެންޓް ދަށަށް ގޮސްފައެވެ. އެހެން ކަމުން ސަރަހައްދީ ފެންވަރުގައި ހަތިޔާރު ގަނެ، އިމްޕޯޓް ކުރުމުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ހާމަ ވާ ކަމަށް، ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓްގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

2017 އާއި 2021 އާ ދެމެދު އެންމެ ގިނަ އަދަދަކަށް ހަތިޔާރު އިމްޕޯޓް ކޮށްފައި ވަނީ އިންޑިއާއަށް ކަމަށް ވާ އިރު، އެންމެ ގިނަ އަދަދަކަށް ހަތިޔާރު އިމްޕޯޓް ކުރި ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އޮސްޓްރޭލިއާ، ޗައިނާ، ދެކުނު ކޮރެއާ އަދި ޕާކިސްތާނާއި ޖަޕާންއެވެ.

ސިޕްރީ އާމްސް ޓްރާންސްފާޒް ޕްރޮގްރާމްގެ އިސް ރިސާޗަރު، ސައިމަން ޓީ ވިޒިމަން ވިދާޅުވީ، އޭޝިއާއާއި އޯޝޭނިއާ ސަރަހައްދަށް ހަތިޔާރު އިމްޕޯޓް ކުރުން އިތުރު ވުމުގެ މައިގަނޑު ސަބަބަކަށް ވެފައި ވަނީ، ޗައިނާއާ އެ ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމެވެ. މި ނުތަނަވަސް ކަމަކީ، އެމެރިކާއިން އެ ސަރަހައްދުތަކަށް ހަތިޔާރު ސަޕްލައި ކުރުމުގެ ސަބަބު ކަމަށްވެސް ވިޒިމަން ވަނީ ފާހަގަ ކުރައްވާފައެވެ.