ޒަމާންވީ އަދުއްވުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާގެ ގުޅުން އިންތިހާއަށް ހީނަރުވެފައި ވާ މި ދަނޑިވަޅުގައި، ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ، މިމަހު ފަހުކޮޅު އިންޑިއާއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި ވާ ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކަކާ ހަވާލާދީ ކަމަށް ބުނެ، އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ވިއޯން އިން ހަބަރު ދޭ ގޮތުގައި ވޭންގް ޔީ އިންޑިއާއަށް ވަޑައިގަންނަވާނީ މިމަހު ފަހުކޮޅު ނޭޕާލްއަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހުއެވެ. އެއީ މާޗް 26 ހިސާބުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ވޭންގް ޔީ އިންޑިއާއަށް ވަޑައިގެންފި ނަމަ އެ ދަތުރު ވެގެން ދާނީ، މެއި 2020 ގައި ގަލްވާން ވާދީއާއި ލަދަކް ސަރަހައްދުގައި އިންޑިއާއާއި ޗައިނާއާ ދެމެދު ހިންގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހު ޗައިނާގެ އިސް ވެރިއަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ އިންޑިއާ ދަތުރާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ބަހެއް އަދި ނުލިބޭ ކަމަށް ވިއޯންއިން ބުނެއެވެ. ނަމަވެސް ދެ ގައުމުގެ މެދުގައި އެފަދަ މަޝްވަރާތަކެއް ހިނގި ކަމަށް އެ ނޫހުން ވަނީ އިޝާރާތް ކޮށްފައެވެ.

ގަލްވާން ވާދީގެ ކޯޅުންގަނޑަށް ފަހު މިހާތަނަށް 15 ފަހަރެއްގެ މަތިން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވީ ނަމަވެސް، އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.