ޒަމާންވީ ހަތުރުންގެ ގޮތުގައި ދުނިޔޭކެ އެކި ކަންކޮޅުތަކުން ސިފަ ކުރަމުން އަންނަ އިންޑިއާއާއި ޗައިނާގެ ދޭދޭ ގުޅުން އޮތް ހިސާބެއް ކަނޑައެޅުން ބަރޯސާ ވަނީ، ދެ ގައުމު ހިއްސާ ބޯޑަރު ސަރަހައްދުގެ މަސްރަހަށް ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސް 2022 ގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވަނީ، ބޯޑަރާ ގުޅިގެން އެކުލަވާލި އެއްބަސްވުންތަކާ ޗައިނާއިން ހިލާފުވުމުގެ ސަބަބުން، ދޭދޭ ގުޅުމަށް ދަތި އުނދަގޫ ދުވަސްތަކެއް ތަޖުރިބާ ކުރަން އިންޑިއާއަށް ޖެހުނު ކަން ފާހަގަ ކުރައްވާފައެވެ.

އިންޑިއާއާއި ޗައިނާ ގުޅޭ ސަރަހައްދަށް ބޯޑަރޭ ކީ ކަމުގައި ވީ ނަމަވެސް،އެ ސަރަހައްދަކީ ހަގީގީ ކޮންޓްރޯލްގެ ރޮނގު ކަމަށާ، އެ ސަރަހައްދަށް ރިއާޔަތް ކޮށް، ހަދާފައިވާ އެއްބަސްވުންތަކާ ޗައިނާއިން ހިލާފު ވެފައި ވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އެހެންކަމުން، ދޭދޭ ގުޅުން މިވަގުތު އޮތީ ދަތި ފައްތަރެއްގައި ކަމަށްވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާއާއި ޗައިނާގެ ބޯޑަރު ހަނގުރާމަ ވަރުގަދަ ވީ، ޖޫން 15، 2020 ގައި ގަލްވާން ވާދީގައި ހިންގި ކުރިމަތިލުންތަކަށް ފަހުގައެވެ. 2020 ވަނަ އަހަރަކީ އިންޑިއާއާއި ޗައިނާގެ ގުޅުން އިންތިހާއަށް ހީނަރުވި އަހަރެއް ކަމަށް ޖައިޝަންކަރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ގަލްވާން ވާދީ ސަރަހައްދުގައި ޗައިނާއިން ހިންގި ހަރަކާތްތަކުގެ ސަބަބުން، އިންޑިއާ އަސްކަރިއްޔާގެ 20 މެމްބަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އޭޝިއާ ސަރަހައްދުގެ ސުޕާޕަވަރުންގެ ގޮތުގައި އިންޑިއާއާއި ޗައިނާގެ މަސްރަހު ފިނި ކުރުމަށް ދޭދޭ ގައުމުތަކުގެ މެދުގައި ސިލްސިލާ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް، ސުލްހަވެރި ހައްލެއް އަދާ ޖެހުނުއިރުވެސް ހޯދިފައެއް ނުވެއެވެ. އަދި އަވަސް މުސްތަގުބަލެއްގައި މިކަން ހައްލުވެދާނެ ކަމުގެ އަލިމަގެއްވެސް ނުފެނެއެވެ.