ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާގެ ހާރިޖީ ވަޒީރުންގެ މެދުގައި ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ސަރަހައްދީ އިމުގެ މައްސަލާގައި މީގެ އަހަރުތަކެއް ކުރިން އުފެދުނު ހަމަނުޖެހުންތައް އިންތިހާއަށް ހޫނުވެ، ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ދެ ގައުމުގެ މެދުގައި ކުރިއަށް ގެންދިޔަ އެންމެ މަތީ ފަންތީގެ މަޝްވަރާތަކެވެ.
މިއަދުގެ މަޝްވަރާތަކުގައި، ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރާއި އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖީތު ދޯވާލްވެސް ބައިވެރިވެވަޑައިގަތެވެ.
ހަބަރު ލިބޭ ގޮތުގައި މިއަދުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ދެބަސްވުން އުފެދިފައިވާ ލަދަކް ސަރަހައްދުގެ މައްސަލައިގެ އިތުރުން، ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ޖިއޮގްރަފިކް އިސްތިރާޖުގެ ތެރެއިން އުފެދިދާނެ ސިޔާސީ ނުތަވަސްކަމާ ބެހޭ ގޮތުންނެވެ.
މީގެ އިތުރުން ދެ ފަރާތުން އެދެވޭ ރޫހެއްގައި ޑިޕްލޮމެޓިކް އަދި އަސްކަރީ ގުޅުންތައް ކުރިއަށް ގެންދިއުމާއި، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަކީ ގުޅުންތައް އާންމު އުސޫލުން ބަދަހި ކުރުމުގެ ކުރިން ހަމަޖެހިފައިވާ ޝަރުތެއް ކަމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
މަޝްވަރާގެ ހުރިހާ ވަގުތެއްވެސް ދިޔައީ ވަރަށް އަމާން ކަމާއެކު ކަމަށް މައުލޫމާތު ލިބެއެވެ.
މަޝްރާތައް އިތުރަށް ގެންދެވުމަށްޓަކާ، ވޭންގް ވަނީ، ދޯވާލް ޗައިނާއަށް ވަޑައިގަތުމަށް ދައުވަތުވެސް އަރުވާފައި ކަމަށް ހަބަރު ލިބެއެވެ. އަދި މިހާރުން މިހާރަށް ހުރި މައްސަލަތަކަށް ހައްލު ހޯދިއްޖެނަމަ، ޗައިނާއަށް ވަޑައިގަންނަވަން ތައްޔާރު ކަމަށްވެސް ދޯވާލް ވަނީ ވިދާޅުވެފައެވެ.