މެދުއިރުމަތީގައި ސުލްހަ ގާއިމުކޮށް ހަމަޖެހުން ދެމެހެއްޓުމަށް މަގު ތަނަވަސްކުރަނިވި އެއްބަސްވުންތަކެއް އިސްރާއީލާއި ބަހްރައިންއާ ދެމެދު އެކުލަވާލުމާއެކު، ބަހްރައިންގެ ވަޒީރުންގެ މަޖިލީހުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ބަހްރައިންގެ ވަޒީރުންގެ މަޖިލީހުން ބުނީ މި އެއްބަސްވުންތަކަކީ ސަރަހައްދުގެ ގައުމުތަކުގެ ލާބައާއި މަންފާއަށްޓަކައި އެއްބަޔަކު އަނެއް ބައެއްގެ ދެމި އޮތުން ބަލައިގަނެ، ދީނީ އަދި ސަގާފީ ތަފާތުތައް ގަބޫލުކޮށް، ސަރަހައްދީ އިމުގެ ގުޅުން ވަރުގަދަކޮށް، ވަކިވެފައިވާ މިނިވަން 2 ދައުލަތުގެ ގޮތުގައި އިސްރާއީލާއި ފަލަސްތީނު އުފެދިގެން ދިއުމަށް ބާރުދެނިވި އެއްބަސްވުންތަކެއް ކަމަށެވެ.

ބަހްރައިންއާއި އިސްރާއީލާ ދެމެދު އެއްބަސްވުންތައް އެކުލަވާލާފައި ވަނީ ހާރިޖީ، މާލީ، ވިޔަފާރިއާއި އިގުތިސޯދު، ވައިގެ އުދުހުންތައް، ދަނޑުވެރިކަން އަދި މައުލޫމާތާއި މުއާސަލާތުގެ ދާއިރާއިން ކަމަށް ޚަބަރު ލިބެއެވެ.

އަރަބި ގަލްފުގެ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަށް އެމެރިކާގެ އެއްބާރުލުމާއެކު އިސްރާއީލުން ހިފި އަމާޒުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ބަހްރައިންއާއިއެކު އާންމު އުސޫލުން ގުޅުން ބަދަހި ކުރުމަށް ބާރުދޭ އެއްބަސްވުމުގައި ރަސްމީ ސިއްކަ ޖަހާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.