އިޒްރޭލުގެ ކަނޑުގެ އަސްކަރިއްޔާގެ އޮފިސަރެއް، އެ ގައުމުގައި މަރުކަޒު ވެގެން ހުންނާނެ ކަން، ބަހްރައިންއިން ކަށަވަރު ކޮށްދީފިއެވެ.

މިއީ އިޒްރޭލުގެ އަސްކަރީ އޮފިސަރެއް، އަރަބި ގައުމެއްގައި މަރުކަޒު ކޮށްގެން ބަހައްޓާ ފުރަތަމަ ފަހަރެވެ.

ޔޫއެސް ފިފްތު ފްލީޓްގެ ލިއޭޒަން އޮފިސަރެއްގެ ގޮތުގައި، އިޒްރޭލުގެ ކަނޑުގެ އަސްކަރިއްޔާގެ އޮފިސަރެއް ބަހްރައިންގައި މަރުކަޒު ކޮށްފައި ވާ ކަމުގެ ހަބަރުތައް ފެންމަތިވީ ހުކުރު ދުވަހުއެވެ.

ބަހްރައިންގެ ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރޭލުގެ އޮފިސަރަކު މަރުކަޒު ކުރަން ނިންމާފައި ވަނީ، އެ ސަރަހައްދުގައި ކަނޑުދަތުރުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރު ކުރާ ބައިނަލްއަގުވާމީ ކޯލިޝަނުގެ ސަބަބުން ކަމަށެވެ. އެ ކޯލިޝަނަކީ 34 ގައުމެއް ބައިވެރިވާ ކޯލިޝަނެއް ކަން، ބަހްރައިންއިން ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް އެ ކޯލިޝަނާ ބެހޭ އިތުރު ތަފްސީލުތަކާ، އިޒްރޭލުގެ އޮފިސަރާ ބެހޭ އިތުރު ތަފްސީލުތަކެއް ބަހްރައިންގެ ފޮރިން މިނިސްޓްރީއިން ހާމަ ކޮށްފައެއް ނުވެއެވެ.

ގަލްފް ކަނޑުގެ ސަރަހައްދުގައި ކަނޑު ދަތުރު ކުރުމުގައި އީރާންގެ ސަބަބުން، ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތި ވާ ކަމަށް ބަހްރައިންއާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން ތުހުމަތު ކުރެއެވެ. އީރާނުން މި ތުހުމަތުތަކަށް އިންކާރު ކުރެއެވެ.

ބަހްރައިންއަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިސްކޮށް ހުންނަވައިގެން އިޒްރޭލާއި އަރަބި ގައުމުތައް ގުޅުވުމަށް ހިންގެވި މަޝްރޫއުގެ ތެރެއިން، އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުންތައް އާންމު ކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ލިސްޓުގައި ދެން ހިމެނެނީ އެކުވެރި އަރަބި އިމާރާތް، ސޫދާން އަދި މޮރޮކޯއެވެ.