ބަހްރައިންގެ ބޮޑުވަޒީރު ޝައިހު ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަވަހާރަވެއްޖެއެވެ.

ބަހްރައިންގެ ޝާހީ ގަނޑުވަރުން ވަނީ، ޝައިހު ހަލީފާ އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ. ބަހްރައިންގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ މެދުއިރުމަތީގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ޝައިހު ހަލީފާ އަވަހާރަވީ، އެމެރިކާގެ މާޔޯ ކްލިނިކްގައި، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހަރަވިއިރު ޝައިހު ހަލީފާ ގެންދެވީ، އާލާސްކަންފުޅަކަށް، އެމެރިކާއިން ފަރުވާ ހޯއްދަވަމުންނެވެ.

ޝައިހު ހަލީފާގެ ހަށިކޮޅު ބަހްރައިންއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށާ، ޖަނާޒާގެ ކަންކަން ކުރިއަށް ދާނީ އާއިލާ މެމްބަރުންގެ ތެރެއިން، ކަނޑައެޅޭ ވަކި އަދަދެއްގެ މެމްބަރުންގެ ހާޒިރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބަހްރައިންގެ ބޮޑުވަޒީރު އަވަހާރަވުމާއެކު ބަހްރައިންގައި ވަނީ ގައުމީ ހިތާމައިގެ ހަފުތާއެއް އިއުލާން ކޮށްފައެވެ.

ބަހްރައިންގެ ބޮޑުވަޒީރު ޝައިހު ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަވަހާރަވީ އުމުރުފުޅުން 84 އަހަރުގަ / ފޮޓޯ: ސާދާ އަލް ބަލާދު

މި ފަހަކަށް އައިސް މީޑިއާގައި ބަހްރައިންގެ ނަން އާންމު ވެފައި ވަނީ އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރި ގައުމުގެ ގޮތުގައެވެ. ކަން މިހެން އޮތްއިރު، މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އިސްކޮށް ވަކާލާތު ކުރެއްވި ސާއިބު އުރައިގާތު ވަނީ އިއްޔެގެ ވަގުތެއްގައި އަވަހާރަވެފައެވެ. އަދި މިއަދަކީ ފަލަސްތީނުގެ މަގުބޫލު ލީޑަރު ޔާސިރު އަރަފާތު އަވަހާރަވިތާ 16 އަހަރު ފުރޭ ދުވަހެވެ.

ބަހްރައިންގެ ޝައިހު ހަލީފާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ގިނަ ސަރުކާރުތަކުގެ ތާރީހަށް ބަލާއިރުވެސް، މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރު ކަމުގައި ހިދުމަތް ކުރެއްވި ލީޑަރެވެ. ބަހްރައިންގެ ބޮޑުވަޒީރު ކަމުގެ މަގާމާ ޝައިހު ހަލިފާ ހަވާލުވެވަޑައިގަތީ 1970 ވަނަ އަހަރުއެވެ.