އިޒްރޭލުގައި ހުންނަ ބަހްރެއިންގެ ސަފީރު ގައުމަށް އަނބުރާ ގެނެސް އިޒްރޭލާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލައިފިއެވެ.

އަރަބި ގައުމެއް ކަަމަށްވާ ބަހްރެއިންގެ ކައުންސިލް އޮފް ރެޕްރެޒެންޓޭޓިވްސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ބަހްރެއިންގައި ހުންނަ އިޒްރޭލުގެ ސަފީރު ގައުމު ދޫކޮށް ގޮސްފައިވާ ކަމަށާއި އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ބަހްރެއިން ސަފީރު އެނބުރި އެ ގައުމަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި އިޒްރޭލާއެކު އޮންނަ އިގްތިސޯދީ ގުޅުން ވެސް ވަނީ ކަނޑާލާފައި ކަމަށް ބުނެފައި ވެއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުމުގެ ސަބަބުން ފަލަސްތީނަށް ތާއީދުކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމުގައި ބަހްރެއިންގެ ހަރުދަނާ ސިޔާސަތު ކަށަވަރުވާނެ ކަމަށެވެ. ބަހްރައިން އަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން އިޒްރޭލާއި އަރަބި ގައުމުތައް ގުޅުވުމަށް ހިންގެވި މަޝްރޫއުގެ ތެރެއިން، އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ލިސްޓުގައި ދެން ހިމެނެނީ އެކުވެރި އަރަބި އިމާރާތް، ސޫދާން އަދި މޮރޮކޯއެވެ.

ބަހްރެއިން އިން އިޒްރޭލާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައިވާ އިރު، އިއްޔެ ލެޓިން އެމެރިކާގެ ގައުމެއް ކަމަށް ވާ ބޮލީވިއާ އިން އިޒްރޭލާ ސިޔާސީ ގުޅުން ކަނޑާލިކަން އާންމުކޮށް އަންގާ ވަނީ އިއުލާން ކޮށްފައެވެ. ބޮލީވިއާގެ ނިންމުމަށް ހަމާސް އިން މަރުހަބާ ކިޔާ، އިޒްރޭލާއެކު ގުޅުން ކަނޑާލަން އަަރަބި ގައުމުތަކަށް ވަނީ ގޮވާލާފައެވެ.