އަރަބި ގަލްފުގެ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަށް އެމެރިކާގެ އެއްބާރުލުމާއެކު އިސްރާއީލުން ހިފި އަމާޒުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ބަހްރައިންއާއިއެކު އާންމު އުސޫލުން ގުޅުން ބަދަހި ކުރުމަށް ބާރުދޭ ރަސްމީ އެއްބަސްވުމުގައި މިއަދު ސޮއި ކުރާނެ ކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ.

އިސްރާއީލާއި ބަހްރައިންއާ ދެމެދު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސިއްކަ ޖަހާނީ، އެކަމަށް ހާއްސަކޮށްގެން ބަހްރައިންގައި ކުރިއަށް ގެންދާ އިވެންޓެއްގައެވެ. ބަހްރައިންގެ ވެރިރަށް – މަނަމާގައި މި ރަސްމިއްޔާތު ކުރިއަށް ދާނީ މިއަދު ހަވީރު ކަމަށް މައުލޫމާތު ލިބެއެވެ. މި ރަސްމިއްޔާތުގައި އިސްރާއީލާއި ބަހްރައިންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސިއްކަ ޖަހާ ހިސާބުން، އެމްބަސީ ހުޅުވުމުގެ ފުރުސަތު އިސްރާއީލާއި ބަހްރައިންއަށްވެސް ލިބޭނެ ކަމަށް އިސްރާއީލުން ބުނެއެވެ.

އެކުވެރި އަރަބި އިމާރާތާއި ބަހްރައިންއަކީ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރި 3 ވަނަ އަދި 4 ވަނަ އަރަބި ގައުމެވެ. 1979 ވަނަ އަހަރު މިސްރު އަދި 1994 ވަނަ އަހަރު އުރުދުންއިން ވަނީ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މޭސްތިރިކަމުގެ ދަށުން، "އަބްރަހަމް އެކޯޑްސް"ގެ ނަމުގައި އަރަބި ގަލްފުގެ ގައުމުތަކާ އިސްރާއީލާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް އެއްބަސްވުން އެކުލަވާލާ، އެކުވެރި އަރަބި އިމާރާތާއި ބަހްރައިން އަދި އިސްރާއީލާއެކު ސޮއިކުރީ ވައިޓް ހައުސްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އިސްރާއީލާއެކު އަރަބި ގަލްފުގެ ގައުމުތަކުން އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަކީ، ފަލަސްތީނަށް ބޭވަފާތެރިވުން ކަމަށް، ފަލަސްތީނުން ސިފަކުރެއެވެ.