ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރުހުންދީފިއެވެ.

ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި 8 މަހާއި 12 ދުވަހަށް ޖަލަށްވެސް ލައިފައެވެ. ހުކުމް ތަންފީޒު ކުރުވައި، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

އެންއައިސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ނަމަކަށް އިސްކަން ދެއްވާ ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މެންބަރަކު އައްޔަނު ކުރާނީ މަޖިލީހުން ފާސްކޮށްފައި ރައީސަށް ފޮނުވުމުންނެވެ.

ރައީސް އިސްކަން ދެއްވި ތިން ފަރާތަކީ މަރިޔަމް މުނާ، މ. ބާރަނާގެ އާއި އަހްމަދު ސަމީނު، ފިނިވާގެ، އަދި އއ. ތޮއްޑޫފާތިމަތި މަހީރާ މުހައްމަދު، ހިޔާވަހި، ޅ. ހިއްނަވަރެވެ.