ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވާން އުޅުނު މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.
މިކަން ހިނގާފައި ވަނީ ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނީ ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހަކު މިއަދު މެންދުރުފަހު 2:40 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތްކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެކަން ހިނގާ ދިޔަގޮތް ދެނެގަތުމަށް އެންއައިސީގެ ކުއްލި ހާލަތްތަކުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ މައްސަލައެއް ރޭވެސް ވަނީ ފެންމަތިވެފައެވެ.
އެއީ މަސްތުގެ ހާލަތުގައި ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން މި މަހުގެ 2 ވަނަ ދުވަހު ހައްޔަރުކުރި 34 އަހަރުގެ ފިރިހެނެކެވެ. އެ މީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާއަށް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައެވެ.