ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބަލަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމު ރައްޔިތުން ފުލުހުންގެ މައްޗަށް އަންނަނީ ސީރިއަސް ތުހުމަތު ތަކެއް ކުރަމުން ކަމަށެވެ. އަދި މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވާތީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން މި މައްސަލަ ބަލަން ވަނީ ނިންމާފައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެގޮތުން މި މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނާއި ގަވާއިދާއި، ފުލުހުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވޭތޯ ބެލުމަށް ވަނީ ނިންމާފައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މި މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމީ މި މަހުގެ 20 ދުވަހުއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް އެންއައިސީން ނިންމާފައިވާ އިރު، މި މައްސަލަ އަންނަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރަމުްނނެވެ. އެގޮތުން މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް އެޗްއާރްސީއެމުން ދަނީ ދިރާސާ ކުރަމުންނެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، ޒަހަމްތަކަކާއެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގެއިންނެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަ ށްބުނެ ހޮޅުދޫގެ ރައްޔިތުން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާ އިހްތިޖާޖު ކޮށްފައެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުކޮށް އެ ރަށު ރައްޔިތުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ވެސް ބަންދު ކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ޒަކިއްޔާ މަރާލާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
ޒަކިއްޔާ މަރުވި ފަހުން 6 މަސް ދުވަސް ފާއިތުވި ނަމަވެސް އެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން ދަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ. އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިންގެ ޓީމެއް އިއްޔެ ވަނީ ހޮޅުދުއަށް ވަޑައިގެންފައެވެ.
އެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ރައްޔިތުންނާއެކު ރޭ ބޭއްވި ޖަލްސާގައި އިހުސާން ވިދާޅުވެފައި ވަނީ، ޒަކިއްޔާގެ މަރުގެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތުގައި އިހުމާލު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ފުލުހުން އެ ދުވަހު އަމަލު ކުރި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.