ހ. ފެންޓެނޯއީގެއިން މި މަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ ޒުވާނުންގެ އަޑު އައްސަވާތީ ބައެއް ޒުވާނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކޮށްފިއެވެ.

މުޒާހަރާއާ ގުޅިގެން އެ ޒުވާނުން ބުނީ މުޒާހަރާތަކަކީ އެއްވެސް ވަރަކަށް ސިޔާސީ ކަމަކާ ގުޅިގެން ނުވަތަ ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދާ ކަމެއް ނޫން ކަމަށެވެ.

އަދި އެއީ ޔުމްނުއަށް އިންސާފުހޯދައި ދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި މުޒާހަރާގެ މައިގަނޑު މަގުސަދަކީ ޕޮލިސް އަދި ނެޝަނަލް އިންޓަގްރިޑީ ކޮމިޝަން ފަދަ ކަމާ ގުޅުންހުރި އިދާރާތައް ޖަވާބުދާރީކުރުވުން ކަމަށެވެ.

މިއީ ފެއިލްވެފައި އޮތް ސިސްޓަމެއް ރަނގަޅުކުރުމަށްޓަކައި ޒުވާނުން އިސްނަގައިގެން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. މިއީ ހަމައެކަނި މި ސަރުކާރުގައި ކަން ހިނގާ ގޮތް ނޫން ކަމަށާއި ކުރީގެ ސަރުކާރުތަކުގައި ވެސް މިގޮތަށް ކަންކަން ހިނގާފައިވާކަން އެމީހުން ވަނީ ފަހާގަކޮށްފައެވެ.

މުޒާހަރާތައް ކުރިއަށް ދަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ކުރިއަށް ދާނީ އެގޮތުގައި އެ ފަރާތްތަކުން ބުނެއެވެ. އަދި މުޒާހަރާތަކަކީ އެއްވެސް އޮންލައިން މީހެއްގެ "ޕާސަަނަލް އެޖެންޑާތަކެއް" ނޫން ކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

ޝުކުރު އަދާކުރަން ބޭނުން އަޅުގަނޑުމެންގެ ރައީސްއަށް، ރައީސް އަޅުގަނޑުމެންގެ ޑިމާންޑްތައް ފުލްފިލްކޮށްދޭ އެބަ، އަދިވެސް ބައެއް ޑިމާންޑްތައް އެބަހުރި،
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް

މުޒާހަރާގައި ޒުވާނުން ގޮވާލަމުންދާ ބައެއް ޑިމާންޑްތައް ރައީސް ފުރިހަމަކޮށްދެއްވާފައި ވާކަން ފާހަގަކޮށް އެ ފަރާތްތަކުން ވަނީ ރައީސް އަށް ޝުކުރު އަދާކޮށްފައެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ކޮމިޝަނެއް އުފެއްދެވީ އެ މައްސަލައިގެ ތަހްގީގާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބޮޑުވެފައިވާތީއެވެ. ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދާނީ ދެފުށް ފެންނަ ގޮތަށް ޒިންމާދާރު ގޮތެއްގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހްގީގުގައި އެއްވެސް އިހުމާލެއް ވޭތޯ ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ވެސް ވަނީ އަމުރުކުރައްވައިފައެވެ.