ޒުވާން ބަތޮލް ސުޝާންތު ސިންހްގެ ކުއްލި މަރާ ގުޅިގެން އިންޑިއާގެ މީޑިއާއިން ޒިންމާދަރުކަން ކުޑަ ގޮތެއްގައި ޚަބަރާއި މައުލޫމާތު ފަތުރަމުންދާކަން ފާހަގަކޮށް، ބޮލީވުޑް ފިލްމީ ސިނާއަތުގެ ވަރުގަދަ ޕްރޮޑިއުސަރުންތަކެއް، މީޑިއާއާއި ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

އަމިއްލައަށް މަރުވި ކަމަށް ސުޝާންތުގެ ސިންހްގެ މަރުގެ ހާދިސާއަށް ފަހު އިންޑިއާގެ މީޑިއާގެ ބޮޑު ކަވަރޭޖެއް މުޅިން ހެން ހުސްކޮށްފައިވަނީ އެ ކަމަށެވެ. މި ކަވަރޭޖުގެ ތެރެއިން ބޮލީވުޑްގެ ވަރުގަދަ ނަންތަކެއް ބަދުނާމުވާފަދަ ޚަބަރުތައްވެސް ސިލްސިލާ ގޮތެއްގައި ދަނީ ފެންމަތިވަމުންނެވެ.

އިންޑިއާގެ މީޑިއާއާއި ދެކޮޅަށް ތެދުވި ބޮލީވުޑްގެ ކުންފުނިތަކުގެ ތެރޭގައި ޝާހް ރުކް ހާން، އާމިރު ހާން އަދި ސަލްމާން ހާންގެ ޕްރޮޑަކްޝަން ކުންފުނިތައް ހިމެނެއެވެ.

މީޑިއާއާއި ދެކޮޅަށް ބޮލީވުޑުން ހުށަހަޅާފައިވާ ވަރުގަދަ ދައުވާގައި ބުނެފައިވަނީ ބޮލީވުޑް މެމްބަރުންގެ ޒާތީ ސިއްރިއްޔާތަށް ހުރަސް އަލާފައި ވާ ކަމަށާ، އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެނިވި ދަރަޖައަކަށް އަބުރަށްވެސް އަރައިގެންފައި ވާ ކަމަށެވެ. އެގޮތުން ބޮލީވުޑްގެ ޖިނާއީ ކުށްވެރިންގެ ދަރަޖައަށް މެމްބަރުންތަކެއް ވައްޓާލާ، ބޮލީވުޑްގައި ޑްރަގްގެ ސަގާފަތް އޮތްކަމަށް ދައްކާ، ބޮލީވުޑަކީ ޖިނާއީ ކުށުގެ ވެއްޓެއްގެ ގޮތުގައި އާންމުންގެ ކުރިމަތީގައި ތަސްވީރު ކޮށްދިނުމުގެ ޖަރީމާވެސް މީޑިއާއިން ހިންގާފައި ވާ ކަމަށް މި ދައުވާގައި ވެއެވެ.

އިންޑިއާގެ މީޑިއާތަކާ ދެކޮޅަށް ބޮލީވުޑް ސިނާއަތުން ކޯޓަށް ހުށަހެޅި މައްސަލާގައި، 34 ޕްރޮޑިއުސަރެއްގެ އިތުރުން، ފިލްމީ ސިނާއަތާ ގުޅޭ 4 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. މި ދައުވާ އުފުލާފައިވަނީ މައިގަނޑު 2 ޗެނަލަކާ، 4 ޕްރެޒެންޓަރަކާ ދެކޮޅަށެވެ.