ޖޫން މަހުގެ 14 ވަނަ ދުވަހު، ބޮލީވުޑްގެ ޒުވާން ބަތޮލް ސުޝާންތު ސިންހްގެ މަރުވެފައި އޮއްވާ ފެނުނު ހާދިސާގެ ފަހަތުގައި ގާތިލަކު ހުރިކަން ދޭހަވާފަދަ މޭރުމަކުން، އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) ގެ އިސް އޮފިޝަލު ޑރ ސުދީރު ގުޕްތާ ވާހަކަދައްކަވާ އަޑު އިވޭ އޯޑިއޯއެއް ލީކުވުމާއެކު، މި ކޭހުގެ އާ ތަހުގީގެއް ހިންގުމަށް، ސުޝާންތުގެ އާއިލާއިން ގޮވާލައިފިއެވެ.

ސުޝާންތުގެ މަރުގެ ކޭސް ތަހުގީގުކޮށް، އެއިމްސްއިން ތައްޔާރު ކުރި ރިޕޯޓް، ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯ (ސީބީއައި) އަށް ރަސްމީ ކޮށް ހުށަހަޅާފައި ވާއިރު، ސުޝާންތުގެ މަރުގެ ފަހަތުގައި ގާތިލެއް ނެތް ކަމަށް ބަލާ، އޭނާ މަރުވީ އަމިއްލައަށް ކަމަށް ދޭހަކޮށްދީފައި ވެއެވެ.

ލީކުވެފައިވާ އޯޑިއޯއާއި ހަވާލާދީ އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސުޝާންތު މަރާލާފައި ވާކަމަށް ޑރ ގުޕްތާ (ކަމަށް ތުހުމަތު ކުރެވޭ ) ނިންމަވާފައިވަނީ، ސުޝާންތުގެ މަރުވެފައިވާ ހަށިގަނޑުގެ މަންޒަރުތަކަށް ބަލައިގެންނެވެ.

ކަން މިހެން އޮތް ނަމަވެސް، އެއިމްސްގެ ފޮރެންސިކް ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ ގުޕްތާ ކުރިން އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވަނީ، ދަންޖެހިގެން މަރުވުމުގެ ތެރޭގައި ހަށިގަނޑަށް ލިބިފައިވާ ޒަހަމެއް މެނުވީ އިތުރު އެއްވެސް ނިޝާނެއް ސުޝާންތުގެ ހަށިގަނޑުގައި ނެތް ކަމަށެވެ. އެގޮތުން ގާތިލާ ދެކޮޅަށް މަސައްކަތް ކުރި ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑާއި ފޭރާމުގައިވެސް ނެތް ކަމަށް ޑރ ގުޕްތާ ވަނީ ވިދާޅުވެފައެވެ.

ސުޝާންތުގެ އާއިލާގެ ފަރާތުން ކަނޑައަޅާފައިވާ ވަކީލު، ވިކާސް ސިންހް ވަނީ، އެއިމްސްގެ ރިޕޯޓަކީ ވަކި ކޮޅަކަށް ނިންމޭ ފެންވަރުގެ ރިޕޯޓެއް ނޫން ކަމަށް ބުނެފައެވެ. އެގޮތުން، މިވަރުގެ ކަމެއް، ހަށިގަނޑުގެ ދިރާސާ ކުރުމެއް ނެތި ނިންމި ގޮތަކާ މެދުވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ސުޝާންތުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އެކަށީގެންވާ ލެބެއްގައި ނޫން ކަމަށާ، އޮޓޮޕްސީ ރިޕޯޓްގައި އޭނާ މަރުވި ގަޑިވެސް ބަޔާން ކޮށްފައި ނުވާ ކަން ސުޝާންތުގެ އާއިލާއިން ފާހަގަކުރެއެވެ.