އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓްގެ ތެރޭގައި މަރުވެފައި އޮއްވާ މީގެ 1 އަހަރު ދުވަސް ކުރިން ފެނުނު އިންޑިއާގެ މަގުބޫލު ބަތޮލް، ސުޝާންތު ސިންހް ރާޖުޕުޓް (އެސްއެސްއާރް)ގެ ސީވިއު އެޕާޓްމަންޓް ކުއްޔަށް ދޭން ލިސްޓު ކޮށްފިއެވެ.

ސުޝާންތުގެ ބަންޑްރާ ރެސިޑެންސް އެޕާޓްމަންޓް ކުއްޔަށް ދޫކުރަނީ، މަހެއްގެ މައްޗަށް 4 ލައްކަ ރުޕީޒްއަށެވެ. ޑިސެންބަރު 2019، ސުޝާންތު މި އެޕާޓްމަންޓް ކުއްޔަށް ހިފީ، މަހެއްގެ މައްޗަށް 4.5 ލައްކަ ރުޕީޒް ދައްކާ ގޮތަށެވެ.

ބަންޑްރާގެ ސެލެބްރިޓީ ބްރޯކަރަކު ވަނީ، ސުޝާންތުގެ ސީވިއު އެޕާޓްމަންޓް ކުއްޔަށް ދޭން ލިސްޓު ކޮށްފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އެއްވެސް ފަރާތަކުން އަދި އެތަން ހިފާފައި ނުވާ ކަމަށްވެސް އޭނާ ބުނެއެވެ. މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމުން، ކުއްޔަށް ހިފާނެ މީހުން ވަރަށް ނުވާ ކަމަށާ، ކުއްޔަށް ހިފަން ބޭނުން ވެގެން އަންނަ ފަރާތްތަކުންވެސް ސުވާލު ކުރަނީ ސުޝާންތާ ބެހޭ ގޮތުން ކަމަށް ބްރޯކަރު ވަނީ ބުނެފައެވެ.

މޮން ބްލާންކްގައި ހުރި ސުޝާންތުގެ އެޕާޓްމަންޓަކީ 2 ފަންގިފިލާއަށް ހުންނަ އެޕާޓްމަންޓެކެވެ. އޭނާ މި އެޕާޓްމަންޓް ހިފީ، 36 މަހުގެ މުއްދަތަށެވެ. މުއްދަތު ހަމަވާނީ ޑިސެންބަރު 2022 އަށެވެ.

މަރުވިއިރު ސުޝާންތު ދިރިއުޅެމުން ދިޔައީ ރިއާ ޗަކްރަބަތީއާއި ސިދާތު ޕިތާނީގެ އިތުރުން، އަތްގާތް ކޮށްދޭން އުޅުނު ނީރާޖު އަދި ކެޝާވްއާއެކުގައެވެ. އޭނާ ނިދާ ކޮޓަރީގެ ތެރޭގައި، ދަންޖެހިފައި ހުއްޓާ ސުޝާންތު ފެނުނީ ޖޫން 14، 2020 ވަނަ ދުވަހުއެވެ.

މިއީވެސް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބައެއް މީހުން ފަސްޖެހޭ ސަބަބެއް ކަމަށް، ބްރޯކަރު ވަނީ ބުނެފައެވެ.