ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަކުރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތޮލް ސުޝާންތު ސިންހް ގެ ކުއްލި މަރާ ގުޅިގެން ހިންގި ތަހުގީގުތަކުން ފެންމަތިވި "ޑްރަގް" މައްސަލާގައި ބޮލީވުޑްގެ ސިނާއަތަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކުގެ ދިފާއުގައި، އަކްޝޭ ކުމާރު ތެދުވުމާއެކު، އެ ސިނާއަތުގެ ގިނަ ތަރިންތަކެއް އަކްޝޭގެ މަސައްކަތަށް ތައުރީފު ކުރަން ފަށައިފިއެވެ.

ބޮލީވުޑް ސިނާއަތާއި ޑްރަގްގެ ވަބާ ގުޅުވައިގެން އިންޑިއާގެ މީޑިއާއިން "ކައްކަމުން" ދާ ޚަބަރުތަކާ ގުޅިގެން ސިނާއަތުގެ ދިފާއުގައި އަކްޝޭ ތެދުވިއިރު، އޭނާއަށް ތައުރީފުކޮށް، އެއްބާރުލުން ދިނުމުގެ ގޮތުން ސޯޝަލް މީޑިއާއަށް ޕޯސްޓުތައް ދޫކޮށްލި ބޮލީވުޑްގެ ފަންނުވެރިންގެ ތެރޭގައި ކަރަން ޖޯހަރު، ސިދާތު މަހްލޯތްރާ، އަންގަދު ބޭދީ އަދި ވަރުން ދާވަން ފާހަގަކުރެވެއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލި 4 މިނެޓްގެ ދިގު ވީޑިއޯއެއްގައި އަކްޝޭ ބުނެފައިވަނީ ތަންފީޒީ ބާރުތަކާ ކޯޓުގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ހަމަ މިފަދައިން، ފިލްމީ ސިނާއަތުގައި އުޅޭ ކޮންމެ މީހަކަށްވެސް އޭނާގެ އިތުބާރު އެބައޮތް ކަމަށާ، އެ އެންމެނަށްވެސް އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށްވެސް އަކްޝޭ ވަނީ ބުނެފައެވެ.

އަކްޝޭގެ ވީޑިއޯ ނިންމާލާފައި ވަނީ، ފިލްމީ ސިނާއަތުގެ އަބުރު ކަތިލުމަށް ހިންގާ ޖަރީމާތަކާ ދުރުވުމަށް އޭނާގެ ފޭނުންނަށް ގޮވާލަމުންނެވެ. އޭނާއަކީ މީޑިއާގެ ބާރުތައް ގަބޫލުކުރާ މީހެއް ކަމަށާ، ރަނގަޅު އިމުގެ ތެރެއިން މީޑިއާ މަސައްކަތް ކުރުމަށް އެދޭ ކަމަށްވެސް އަކްޝޭގެ ވީޑިއޯގައި ވަނީ ގޮވާލާފައެވެ. ވަކިން ހާއްސަކޮށް، މިފަދަ ހައްސާސީ ކަމެއްގައި ރިޕޯޓް ކުރުމުގައި ބަލަންޖެހޭ ކަންކަމަށް ސަމާލުވުމަށްވެސް އަކްޝޭ ވަނީ އިންޑިއާގެ މީޑިއާއަށް ގޮވާލާފައެވެ.

ސުޝާންތުގެ ކުއްލި މަރާއެކު އިންޑިއާގެ މީޑިއާގެ ސަމާލުކަން މުޅިންހެން އަމާޒު ކޮށްފައި ވަނީ މި ކޭސްއަށެވެ. އަދި މި ތަހުގީގުތަކާ ގުޅިގެން ފެންމަތިވި ޑްރަގްގެ ކޭހަށެވެ. މިއީ ގައުމުގައި ހިންގަމުންދާ އެހެން އެތައް ޖަރީމައެއްގެ ހަގީގަތް އޮއްބާލުމަށް، ބަޔަކު ކުޅޭ ސިޔާސީ ކުޅިގަނޑެއް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.