ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އިބުރަތް ހާސިލު ކުރުމަށާ، ތިމާވެއްޓަށް ކަމޭހިތުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހު މިކަމަށް ގޮވާލައްވާފައި ވަނީ، އދގެ 75 އާންމު މަޖިލީހުގެ ހަވާސާގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ދުނިޔޭގެ ބައޮޑައިވާސިޓީ ސަމިޓްގެ ލީޑަރުންގެ މަޝްވަރާތަކުގައި، ދިވެހިރާއްޖޭގެ ފަރާތުން، ވީޑިއޯ މެދުވެރި ކުރައްވާ ތަގުރީރު ކުރައްވަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން ފިލާވަޅު ލިބިގަތުމަށާއި، ތިމާވެއްޓަށް ކަމޭހިތުމަށް ގޮވާލައްވަމުން ރައީސް ސޯލިހު ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެކަންކަމަށް ސަމާލުކަން ނުދީފިނަމަ މިފަދަ އިތުރު ބިރުވެރި ބަލިމަޑުކަމަކާއި ދުނިޔެއިން ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރުވެ ދެއްވާފައެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު / ފޮޓޯ: އެމްޑީޕީ

އިންސާނުންގެ ޙަރަކާތްތަކުގެ މައްޗަށް ތިމާވެށީގެ ދުޅަހެޔޮކަން ނުހަނު ބޮޑަށް ބަރޯސާވެފައިވާ މި ދުވަސްވަރުގައި، ދުނިޔޭގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ޞިއްޙަތު ބިނާވެފައި ވަނީ އިންސާނުންނަށް ލިބިފައިވާ ސައިންޓިފިކް ޢިލްމާއި ޓެކްޖޮލޮޖީގެ ބޭނުން ހިފާގޮތުގެ މައްޗަށްކަމުގައި ރައީސްގެ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތަށް ދެއްވި ތަގުރީރުގައި ރައީސް ސޯލިހު ވަނީ، މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކުރުމަށާއި، ބައޮޑައިވަރސިޓީ ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށާއި، މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށް ވިދާޅުވެފައެވެ. އދގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން 'ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް' މޮޑެލް ހުށަހެޅީ ވެސް މި ސަބަބަށްޓަކައިކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

މި މޭމުރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ 'ކްލައިމެ ޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް' އަކީ ކުދި އެހެން ޖަޒީރާ ގައުމުތަކަށް ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުންފަދަ ކަންކަންކުރުމުގައި ބޭނުންކުރެވިދާނެ ނަމޫނާ މޮޑެލްއެއްކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރާއްޖެއިން އަންނަނީ މި ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދަމުންކަމަށެވެ. އަދި މި އެކްސްޕެޑިޝަންތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، ނޫ އިގުތިސޯދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެ ފަދަ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި، ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެކަންވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

އދގެ 75 އާންމު މަޖިލީހުގެ ހަވާސާގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ދުނިޔޭގެ ބައޮޑައިވާސިޓީ ސަމިޓްގެ ލީޑަރުންގެ މަޝްވަރާތަކުގައި ތަގުރީރު ކުރައްވަމުން ރައީސް ސޯލިހު ވަނީ، ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާކަމުގައި ވިދާޅުވެ، ކަނޑުތައް ޕްލާސްޓިކުން ތަގައްޔަރުވަމުން ދާތީ އެމަނިކުފާނު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިންޑަސްޓްރިއަލް ޒޯނަށް އުދަ އަރައިފައިވަނިކޮށް

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް އަމާޒު ހިފާފައި ވަނީ، އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން، ޕްލާސްޓިކުގެ ޒަރިއްޔާއިން ކަނޑަތައް ތަގައްޔަރުވުމާ ދެކޮޅަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް މި ސަބަބާ ހެދިކަން، ރައީސް ސޯލިހު ދެއްވި ވީޑިއޯ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ދުނިޔޭގެ ބައޮޑައިވާސިޓީ ސަމިޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުފޫޒުގަދަ ގަދަ، ގިނަ ލީޑަރުންތަކެއް ތަގުރީރު ކުރެއްވިއެވެ.