ގުދުރަތީ ވެއްޓާއި ދިރިއުޅުންތަކާ ދެކޮޅަށް އިންސާނީ ހަލޯރާތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އިންޒާރު ކުރައްވައިފިއެވެ.
ގުޓެރޭޒް މިކަމަށް އިންޒާރު ކުރައްވާފައި ވަނީ، އދގެ 75 ވަނަ އާންމު ޖަލްސާގައި ހަވާސާގައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ގުދުރަތީ ދިރުންތަކާ ބެހޭ އދގެ ސަމިޓްގައި ތަގުރީރު ކުރައްވަމުންނެވެ.
އދގެ ސަމިޓްގައި ތަގުރީރު ކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ޖަންގަލިތަކުން ގަސްތައް ކެނޑުމާ، މޫސުމީ ނޭދެވޭ ބަދަލުތަކާ، ކާބޯތަކެތި އުފެއްދުމުގެ ސަބުން ގުދުރަތުގެ ވެށީގެ ބެލަންސް ގެއްލުމުގެ ސަބަބުން ކުރިމަތިވި އެއް މައްސަލައަކީ، އެޗްއައިވީ-އެއިޑްސް، އެބޯލާ އަދި ކޮވިޑް-19 ފަދަ ފުރާނައަށް ނުރައްކާތެރި ބަލިތައް އުފެދުން ކަމަށެވެ.
އާދަޔާ ހިލާފަށް ގިނައިން ބޭނުން ކުރުމާ، އާބާދީ އިތުރުވަމުން ދިއުމާ، ދަނޑުވެރިކަމުގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ގުދުރަތީ ދިރުންތަކުގެ އާބަދީ އިންތިހާއަށް ދަށްވަމުން އަންނަ ކަމަށާ، ބައެއް ދިރުންތައް މުޅިން ނެތިދިއުމުގެ އިންތިހާ ބިރުވެރިކަން ކުރިމަތިވެފައި ވާކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ. މިހާރުވެސް ނެތި ދިއުމުގެ ބިރާއި ކުރިމަތިވެފައިވާ ދިރިއުންތަކުގެ އަދަދު މިލިއަނަކަށް އަރާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އދއިން އާންމު ކުރި ދިރާސާއެއް ބުނާ ގޮތުގައި، 2020 ވަނަ އަހަރު އަންނައިރު ހާސިލު ކުރުމަށް، މީގެ 10 އަހަރު ކުރިން ކަނޑައެޅި އަމާޒުތަކުގެ ތެރެއިން ގުދުރަތީ ދިރުންތަކާ ގުޅޭ 20 އަމާޒެއް އޭގެ ސުންގަޑިއަށް ހާސިލު ކުރެވިފައެއް ނުވެއެވެ.
އދއިން ކުރިއަށް ގެންދިޔަ ފުރަތަމަ ބައޮޑައިވާސިޓީ ސަމިޓްގައި ތަގުރީރު ކުރައްވަމުން ގުޓެރޭޒް ވަނީ، ކޮރޯނާވައިސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން އަރައިގަނެ، އާންމު ހާލަތަކަށް ރުޖޫއަ ވުމުގައި، ގުދުރަތީ ދިރުންތަކަށް ހައްލު ހޯދުން އަސާސެއް ކަމުގައި ހެދުމަށް ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.
ގުދުރަތީ ދިރުންތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަހަރެއްގެ މައްޗަށް 80-90 ބިލިއަން ޑޮލަރު ހަރަދު ކުރާއިރު، ނެތެމުންދާ ގުދުރަތީ ދިރުންތަކުގެ ވެށި ސަލާމަތް ކުރުމަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ހަރަދު ކުރަންޖެހިދާނެ ކަމަށް ފަހުގެ ހޯދުންތަކުން ދައްކައެވެ.