G20 ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ މުއްދަތު 2021ގެ ނިިޔަލަށް އިތުރު ކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން އެދިވަޑައިގަތީ އދގެ އާންމު މަޖިިލީހުގެ 75 ވަނަ ސެޝަންގައި ތަގްރީރު ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޯދަށް، ދަރަނީގެ ސަބަބުން ލިބޭ ގޮންޖެހުންތައް، ކޮވިޑް-19ގެ ސަބަބުން ވަރަށް ސާފުވެއްޖެ ކަމަށެވެ. އަދި ޖީ20 ގައުމުތަކަށް ދަރަނި އަނބުރާ ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމި ނިންމުމަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަނި އަނބުރާ ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމި ނިންމުމާއެކު، 31 ޑިސެމްބަރާއި 1 ޖެނުއަރީގެ ތަފާތަކީ އަހަރު ބަދަލުވުން އެކަނި ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ކުރިމަތިވެފައިވާ އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައި ވާތީ، ޖީ20ގެ ނިންމުން 2021 ވަނަ އަހަރުގެ ނިމުމާ ހަމައަށް ފަސްކޮށްދިނުމަށް އެ ގައުމުތަކުގެ ކިބައިން ޝާހިދު އެދިވަޑައިގަތެވެ.

ދަރަނި ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަކީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދު އެންމެ ބޮޑަށް ބޭނުން ޖެހިފައި މިވަނީ ފެންވަރު ރަނގަޅު ބިނާތަކާއި އުސްލޫބީ ބަދަލުތަކާއި ފުޅާ ދާއިރާއެއްގައި ފަސޭހައިން ލިބޭ މާލީ އެހީތެރި ކަމެވެ. އަދި، ޖަޒީރާތަކުގެ ނާޒުކު ކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފަސޭހަ ކަމާއެކު ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމުން އެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ހާއްސަ ފިޔަވަޅުތަކެއް ކަނޑައެޅިގެން ދާނެ ކަމަށް ވެސް މިނސްޓަރު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން، ލިބިގަންނަންވީ ފިލާވަޅުތައް ނުހަނު ގިނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ބައިނަލްއަގްވާމީ ނިޒާމުގެ ތެރޭގައި ވާ ތަފާތުތައް، މީގެ ކުރިން ނުފެންނަހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެގެން ގޮސްފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކޮވިޑް-19ގެ އަސަރު އެކި ގައުމުތަކަށް އެކި މިންވަރަށް ކުރުމާއި ޓެކްނޮލޮޖީގެ ރޮނގުން ގައުމުތަކުގެ މެދުގައިވާ ފަރަގާއި ދަތުރު ފަތުރު ހުއްޓުމަކަށް އައުމުން އިގްތިސޯދަށް ލިބުނު ގެއްލުންތަކަކީ، ދުނިޔޭގެ ނާރެހުން ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް މިއަދު ކުރިމަތިލާން ޖެހިފައިވާ ހަގީގަތް ކަމަށެވެ.

ނަމަވެސް، މިއީ ހުރިހާ ގައުމަކަށް އެއްވަރަކަށް ލިބުނު ގެއްލުން ތަކެކޭ ދެންނެވެން ނެތް ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެ ފަދަ، އާމްދަނީގެ 75 ޕަސަންޓް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ ގައުމަކަށް ލިބުނު ގެއްލުން ގުނާ އަދަދު ނުކުރެވޭހާ ބޮޑު ކަމަށެވެ.