ފަލަސްތީނުގެ ހައްގަށް ވަކާލާތު ކުރުމުގެ އެންމެ ކުރީ ސަފުގައި ދިވެހި ރާއްޖެ ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަން، ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ފަލަސްތީނަށް އަރުއްވައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް މިލްކުވެގެންވާ ހައްގުތަކަށް ވަކާލާތު ކުރުމުގެ އިސް ސަފުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝާހިދު އަރުއްވާފައި ވަނީ، ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޝާހިދު ވަނީ، ފަލަސްތީނުގެ އަހުވަންތަ ހާރިޖީ ވަޒީރު ރިއާދް އަލް-މާލިކީއާއި ފަލަސްތީނުގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރައްވާފައެވެ.
ފުރިހަމަ މިނިވަން ކަން ލިބިފައިވާ، ވަކި ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އުފެދިގެން އައުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމުގައި ހަރު އަޑުން ވަކާލާތު ކުރާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނެއެވެ.
މިއަހަރު ކުރިއަށް ދިޔަ އދގެ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންވެސް ޝާހިދު ވަނީ ފަލަސްތީނު ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މިއާއެކު ޝާހިދު ވަނީ 1967 ވަނަ އަހަރުގެ ސަރަހައްދީ އިން ކަށަވަރު ވާ ގޮތަށް، ވަކިވެފައިވާ މިނިވަން ދެ ދައުލަތް އުފެދި، ފަލަސްތީނުގެ ވެރި ރަށަކީ ގުދުސް ކަމުގައި ކަށަވަރު ކުރުމަށްވެސް ގޮވާލައްވާފައެވެ.
ފަލަސްތީނުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. ފަލަސްތީނުގެ މިނިވަން ދުވަހުގެ ގަރާރުގެ އަސާސް ބިނާ ވަނީ އދގެ އާންމު މަޖިލީހުގެ ގަރާރު ނަމްބަރު 181 އަށެވެ. ފަލަސްތީނުގެ މިނިވަން ދުވަހުގެ ގޮތުގައި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަސް ބަލައިގެންނެވީ ފަލަސްތީނުގެ މަގުބޫލު ލީޑަރު، އަލް-މަރްހޫމު ޔާސިރު އަރަފާތެވެ. އެއީ މީލާދީން 1988 ވަނަ އަހަރުއެވެ.