ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް މިވަރުގެ ލޮޅުމެއް އައިސްފައި ވަނީ ހަމައެކަނި ފަތުރުވެރިކަމަށް ގައުމުގެ އިގްތިސޯދު ބަރޯސާވެފައި އޮތުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ މީޓިންގައި، "ޕޮޓެންޝަލް ފޯ ސައުތު އޭޝިއާ"، މި މައުޟޫއުގެ ދަށުން ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ މެދުގައި އަދި ގައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެއްޖެ ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުން ތަކުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުރިއާލާ ފިޔަވަޅުތަކެއް އެޅިނަމަވެސް، ރާއްޖޭގެ އިގްތިސޯދަށް ކޮވިޑް-19ގެ ސަބަބުން މިވަރުގެ ލޮޅުމެއް އައިސްފައި ވަނީ ހަމައެކަނި ފަތުރުވެރިކަމަށް ގައުމުގެ އިގްތިސޯދު ބަރޯސާވެފައި އޮތުމުން ކަމަށެވެ.

އަދި ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ޕްލޭންތަކުގެ ތެރޭގައި އިގްތިސޯދު ޑައިވާސިފައިކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭ ކަމަށެވެ.

އދގެ އާއްމު މަޖިލީހުގެ ހާވާސާގައި ފޮރިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ

ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ (ސާކް)ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ހާމަވެގެން ހިނގައްޖެކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ހޮރަސިސް އަކީ ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ ތިންކް ޓޭންކެކެވެ. 2005 ވަނަ އަހަރު މި ތިންކް ޓޭންކް ގާއިމްކުރެއްވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑައިރެކްޓަރު ފްރޭންކް ޖާގަން ރިކްޓާއެވެ. އދގެ އާއްމު މަޖިލީހުގެ ހާވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުންވެސް ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.