ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ، ގުޅުވައިދޭ ރާސްތާ ބަންދު ކުރުމާ، ވިޔަފާރިއަށް ހުރަސް އެޅުމަކީ މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް އިންޑިއާގެ ހަރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އދގެ 75 ވަނަ އާންމު ޖަލްސާގައި ހަވާސާގައި ކުރިއަށް ގެންދިޔަ ދެކުނު އޭޝިއާ ސަރަހައްދުގެ އިއްތިހާދު (ސާކް) ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ޖައިޝަންކަރުގެ ވާހަކަތައް މައިގަނޑު ގޮތެއްގައި ބައްޓަން ކުރެއްވީ، އިންޑިއާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޕާކިސްތާނަށް ބަހުގެ ހަމަލާތައް ދެއްވުމަށެވެ.

މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށްދިޔަ ސާކް ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންޑިއާގެ ހަރިޖީ ވަޒީރު ވަނީ، އިންޑިއާގެ އަދުގެ ސަރުކާރުން ގެންގުޅޭ "ފުރަތަމަ އަވަށްޓެރިޔާ"ގެ ސިޔާސަތު ކުރިއަށް ގެންދަވާނެ ކަން ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ދެކުނު އޭޝިއާއަކީ ގުޅި، ލާ މެހިފައިވާ، ރައްކާތެރި ސަރަހައްދަކަށް ހެދުމަށާ، ސަރަހައްދީ ކުރިއެރުން ހާސިލުކުރުމަށް މި ސިޔާސަތައިގެން އިންޑިއާއިން ކުރިއަށްދާނެ ކަމަށް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

އދގެ އާންމު މަޖިލީހުގެ ހަވާސާގައި ނުރަސްމީ ސިފައެއްގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގެ މިއަހަރުގެ ސެޝަންގައި، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޢަބްދުލް މޫމިން، ނޭޕާލްގެ ހާރިޖީ ވަޒީރު ޕްރަދީޕު ކުމާރު ގަޔަވާލީ، އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ހަނީފު އަތުމަރުގެ އިތުރުން ބޫޓާންއާއި ސްރީލަންކާގެ ހާރިޖީ ވަޒީރާއި، ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.