އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގެ ސަރަހައްދުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް، ބިންތައް ފޭރެމުންދާ އިސްރާއީލުގެ ގުރޫޕަކަށް، އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ފުޓުބޯޅަ ކުލަބު، ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް، 74 މިލިއަން ޕައުންޑު (100 މިލިއަން ޑޮލަރު) ހަދިޔާ ކުރިކަން، ބީބީސީގެ އަރަބި ގޮފިން ކުރިއަށް ގެންދިޔަ ތަހުގީގަކަށް ހާމަވެއްޖެއެވެ.

ރަޝިއާގެ ރައްޔިތު، އަބްރަމޮވިޗްއަށް، ޔަހޫދީ އިސްރާއީލުން 2018 ވަނަ އަހަރު ރަށްވެހިކަން ދީފައިވާއިރު، އޭނާ ވަނީ އިސްރާއީލަށް ބޮޑު އަދަދުން ފައިސާ ޚަރަދު ކޮށްފައެވެ.

ލީކުވެފައިވާ ލިޔެކިއުންތަކަށް ބަލާއިރު، ފަލަސްތީނުގެ ބިންތައް ފޭރެމުންދާ އީލާދު ގުރޫޕަށް އަބްރަމޮވިޗް ފައިސާ ހަދިޔާ ކޮށްފައިވަނީ އޭނާގެ ކުންފުނިތައް މެދުވެރިކޮށް ކަމަށް، އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ހަދިޔާގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދުތައް އެއްކުރުމުން އެ ގުރޫޕަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދީފައިވަނީވެސް އަބްރަމޮވިޗްކަން ވަނީ ހާމަވެފައެވެ. މި ގުރޫޕަކީ އިސްރާއީލުގެ ސަރުކާރުގެ ފަރާތުންވެސް އެއްބާރުލުން ލިބޭ ގުރޫޕެކެވެ.

އިސްރާއީލުން ގައިރު ގާނޫނީ ޔަހޫދީ އާބާދުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އީ1 ޒޯން/ފޮޓޯ: އަމާރު އަވާދު

އީލާދު ގުރޫޕުން ބުނީ އެ ގުރޫޕަކީ އިސްރާއީލުގައި އެންޖީއޯ ހިންގާ ގާނޫނީ އިމުގެ ތަރަހައިގެ ތެރޭގައި ހިންގާ ޖަމާއަތެއް ކަމަށާ، ނަމަވެސް އަބްރަމޮވިޗްއަކީ ޑޯނަރެއްކަން ކަށަވަރުކޮށް ނުދޭނެ ކަމަށެވެ.

އީލާދުގެ ތަރުޖަމާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަބްރަމޮވިޗްއަކީ އިސްރާއީލާއި ޔަހޫދީ މަދަނީ ޖަމިއްޔާތަކުގެ ދީލަތި ސަޕޯޓަރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒަންވެރިވެފައިވާ ޔާހޫދީ އާބާދުތަކަށް ބޭނުންވާ ސިއްހީ ފަރުވާގެ ދާއިރާގެ އިތުރުން، ސައެންސްއާއި ތައުލީމީ ދާއިރާއަށް އަބްރަމޮވިޗްގެ ފަރާތުން، ފާއިތުވީ 20 އަހަރެއްހާ ދުވަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ އެހީ ލިބިފައިވާ ކަމަށްވެސް އެ ތަރުޖަމާނު ބުނި ކަމަށްވެއެވެ.

އިރުމަތީ ގުދުސްގައި 10000 އެއްހާ ފަލަސްތީނު ރައްޔިތުން ވަޒަންވެރިވެގެން ދިއުޅޭ ސިލްވާންއޭ ކިއުނު ސަރަހައްދުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އީލާދު ޖަމާއަތުން އެއްބާރުލުން ދޭ ކަމަށް ތުހުމަތު ކުރެވެއެވެ.