2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 117 ޕަސެންޓުގައި ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއެކުވެސް، ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރު ކުރުމަކީ ސަރުކާރުގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ހުށަހެޅުނު ބަޖެޓުގެ އެންމެ މުހިންމު އެއް ބަޔަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތައް ކަމުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 32 ޕަސެންޓަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމަކީ އަންނަ އަހަރުގެ ބަޖެޓުގެ މުހިންމު އެއް އަމާޒެވެ. ހަމައެއާއެކު، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ލިބޭ އާމްދަނީން ފޫބެއްދުމަކީވެސް ހާސިލުކުރަން އަމާޒުހިފާފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، 2027 ވަނަ އަހަރު 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ރިކަރަންޓް ހަރަދަށް ހިނގާނީ 42.7 ބިލިއަން ރުފިޔާ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި 117 ޕަސެންޓުގައި ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، 2028 ވަނަ އަހަރު އެ އަދަދު 116.3 ޕަސެންޓަށް ތިރިވާނެ ކަމަށެވެ. އަދި 2029 ވަނަ އަހަރު އަންނަންވާއިރަށް އެ އަދަދު 107.9 ޕަސެންޓަށް ތިރިކުރުމުގެ އަމާޒުވެސް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ޕީއެސްއައިޕީގެ ހަރަދުގެ ޖުމްލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ހަރަދު، ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން 12 ޕަސެންޓުގައި ހިފެހެއްޓުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.

މިނިސްޓަރު ވިދާޅުވީ މި ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު މަގުސަދަކީ، 2028 ވަނަ އަހަރު ނިމެންވާއިރަށް، ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށްކުރުން ކަމަށެވެ. އަދި އެ އަހަރު ޕީއެސްއައިޕީގެ ހަރަދުވެސް ޖީޑީޕީގެ ނިސްބަތުން 7 ޕަސެންޓަށް ދަށްކުރެވޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި ހިނގާ 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 7.6 ބިލިއަން ރުފިޔާގައެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 6.2 ޕަސެންޓެވެ. އަދި 2027 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 7.3 ޕަސެންޓެވެ. ޑެފިސިޓުގެ މި އަދަދުތަކާއެކު، 2026 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް 2.5 ޕަސެންޓުގައި އަދި 2027 ވަނަ އަހަރު 3.4 ޕަސެންޓުގައި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.