ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ކަށަވަރުކުރުމުގެ ގޮތުން، 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2027 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ.
އެގޮތުން، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ހުރި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އަދި އެ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލްތައް ހިމެނޭހެން "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފެއްދުމަށް އަންނަ އަހަރު ވަނީ ނިންމާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމަކާއި ބާރެއް ލިބިގެންދާނެއެވެ.
މީގެއިތުރުން، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްތައް މަރުކަޒީ ނިޒާމެއްގެ ދަށުން ހޯދޭނެ އިންތިޒާމު ގާއިމުކުރުމަށްވެސް މި ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި "ސްޓޭޓް ފާމާ" މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ ހަރަދު ކުޑަކުރުމާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ފަސޭހަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގު ފަހިކުރުމަކީވެސް މި ބަޖެޓުގެ މުހިންމު އަމާޒެކެވެ.
ހަމައެއާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ފަރުވާގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ޑެކޯ ޗެމްބަރ، އެކްސް-ރޭ، ސީޓީ ސްކޭން، އެމް.އާރް.އައި، ދަތުގެ ފަރުވާ، އަދި ކަންފަތް، ކަރުންމަތީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ބަލިތަކާއި ވިހެއުމާ، ދަރިމައިވުމާ ގުޅޭ ހިދުމަތްތައް ތަރައްގީކޮށް އިތުރު ސްޕެޝަލައިޒްޑް ފަރުވާތައް ތައާރަފުކުރުމަށް 2027 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
