2019 ވަނަ އަހަރު އިންޑިއާއިން ރަށްވެހިކަން ހޯދި ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ޕާކިސްތާނުގެ ރައްޔިތުން ކަމަށް ރަސްމީ ރެކޯޑްތަކުން ދައްކައިފިއެވެ.

އިންޑިއާއިން މިދިޔަ އަހަރު 939 ބިދޭސީއަކަށް ރަށްވެހިކަން ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ޕާކިސްތާނުން އިންޑިއާއަށް ހިޖުރަކޮށްފައިވާ 809 މީހަކަށް އިންޑިއާގެ ރަށްވެހިކަން ދީފައި ވާ ކަމަށް، އިންޑިއާގެ ދާހިލީ ވުޒާރާއިން މައުލޫމާތު ދެއެވެ.

ދާހިލީ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު، 2015 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން އިންޑިއާއަށް ހިޖުރަކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރާއި 2019 ވަނަ އަހަރާ އަޅާ ބަލާއިރު، ގާތްގަނޑަކަށް ދެގުނަ އިތުރުވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން 2018 ވަނަ އަހަރު 450 މީހަކު ހިޖުރަކުރިއިރު، 2019 ވަނަ އަހަރު މިއަދަދު ރެކޯޑް ކޮށްފައިވަނީ 809ގައި ކަން ފާހަގަކުރެވެއެވެ.

2015 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު އިންޑިއާއިން ވަނީ، ޕާކިސްތާނުން ހިޖުރަކުރި 2668 މީހަކަށް ރަށްވެހިކަން ދީފައެވެ. ނަމަވެސް މިމުއްދަތުގައި އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ރަށްވެހިކަން ދިނީ ބަންގްލަދޭޝްއިން ހިޖުރަކުރި މީހުންނަށެވެ. ސަބަބެއް ކަމުގައި ވަނީ، 2015 ވަނަ އަހަރު އެކުލަވާލި އެއްގަމު ބޯޑަރު އެއްބަސްވުން ކަމަށް ޚަބަރު ލިބެއެވެ. މި މުއްދަތުގައި އިންޑިއާއިން 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ރަށްވެހިކަން ދޫކުރީ ޕާކިސްތާނުގެ ރައްޔިތުންނަށެވެ.